ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ އެ ތަނުން ބޭރަށް ގެންގޮސް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 10 ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ.

އެ މުއްދަތު ހަމަވެގެން އިއްޔެ ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، ފުލުހުން ވަނީ ޝަރުތުތައް ކުރުމަށް ފަހު ކޯޓުން ދޫކޮށްލަން އިއުތިރާޒް ނުކުރާ ކަމަށް ބުނެފައެވެ.

އެހެންވެގެން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޝަރުތުތައް ކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އެ ކުއްޖާއަށް ފިރިހެން މީހާ ގްރޫމްކޮށް ބައެއް ކަންކަން ކޮށްދޭ ކަމުގެ ހެކިތައް ފުލުހުން އަޑުއެހުމުގައި ހުށަހެޅިއެވެ. އަދި އެ މީހަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމާއި، އެ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި މާރާމާރީގެ ރެކޯޑު އޮތް ކަން ފުލުހުން ފާހަގަކުރިއެވެ.

ހައްޔަރުކުރި މީހާ ވަނީ އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ކުއްޖާއާމެދު ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެ ކުއްޖާއަކީ ހިޔާއިން ނުކުމެގެން އޭނާގެ ގެއަށް ގޮސް އުޅޭ ކުއްޖެއް ކަމާއި އެކަން ހިޔާގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ކޯޓުގައި ބުނެފައި ވެއެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމުގެ މަޖިލީހުގައި ދިފާއުގައި ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާއަކީ ކުށުގެ ވެށީގައި ކުރިން އުޅުނު މީހެއް ކަމާއި ނަމަވެސް، މިހާރު ބަދަލުވެފައިވާ ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް ކޯޓުގައި އެދުނު ކަމަށެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ރެކޯޑް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    މި ސަރުކާރު އޮތީ ރޭޕާ ޖިންސީގޯނާއަށް ފައްސިވެފަ