މިއަދު ރާއްޖެ އިން އިތުރު 145 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވީ 61 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 77 މީހުން ފައްސިވިއެވެ. މީގެ އިތުރުން އިތުރު ހަތް މީހަކު ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4548 މީހުންނެވެ. އެހެންކަމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ ތެރެއިން %3 މީހުންނެވެ.

މިއަދަކީ ފާއިތުވި ދެމަހެއްހާ ދުވަހަށް ބަލާއިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް އެންމެ މަދުއަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މިރޭ ވަނީ ބައެއް ލުއިތައް ދޭން ނިންމާފައެވެ. އޭގެ ތެރޭގައި މިހާރު ހަވީރު 16:00 ގައި ކާފިއު ހިންގަމުންދާ ދިއުމަށް ބަދަލު ގެނެސް ކާފިއު ގަޑި ފެށޭނީ އިރުއޮއްސި 18:00 އިން ފެށިގެން ކަމަށް ވަނީ ނިންމާފައެވެ.

އަދި އޭގެ އިތުރުން ޖިމްތައް ވެސް ފަތިހު 05:00 އިން ހަވީރު 18:00 އަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ. ނަމަވެސް ޖިމްތައް ހުޅުވުމުގެ ކުރިން އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ. އަދި ޖިމްތަކުން ހިދުމަތް ދެވޭނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މީގެ އިތުރުން މޮނިޓަރިންގައި ނެތް ރަށްތަކުން އެހެން ރަށްތަކަށް އިތުރު ހުއްދައެއް ހޯދުމެއްނެތި ދަތުރުކުރުމުގެ ހުއްދަ ވެސް ދޭން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު