ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިވަަގުތު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 4067 އަށް މަދުވެފައެވެ. މިއަދަކީ ކޮވިޑް ބަލި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އޭޕްރީލް މަހުގެ 28 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 30 މީހުންނަށެވެ. އޭގެތެރެއިން މާލޭގައި އެޑްމިޓް ކޮށްފައި ތިބީ 30 މީހުންނެވެ.

ފަރުވާދޭ މީހުންގެ ތެރެއިން ހާލު ބޮޑީ އެންމެ މީހެކެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

މެއި މަހު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވުމުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވިއެވެ. މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔައީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު 294 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނެވެ.

ނަމަވެސް އޭގެ ފަހުން އަދަދުތައް އަންނަނީ މަދުވަމުންނެވެ. ޖޫން މަސް ފެށުނުއިރު ހޮސްޕިޓަލްގައި 208 މީހުންނަށް ފަރުވާ ދިނެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދު މިމަހުގެ ގިނަ ދުވަސް ދުވަހު އައީ މަދުވަމުންނެވެ. އެވްރެޖްކޮށް މިމަހުގެ ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދު ހަތް މީހަކު އައީ މަދުވަމުންނެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް މިމަހު ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން 50 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.