ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތަކާއެކު މާލެ ސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރެވެން ފެށުމުން ހުޅުމާލޭގެ ފަޅުތެރޭ "ކުނި ނަގާ ބޮއްކުރާ" އޮޕަރޭޓް ކުރައްވާނެ ކަމަށް އެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ މަސްމާރުކޭޓާއި ދިމާ ފަޅުތެރޭ ގިނަ ކުނިތަކެއް ހުރި ވީޑިއޯއެއް ހިއްސާކޮށް އާންމު ފަރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ކުނިތައް ނެގުމުގެ މަަސައްކަތް ހުޅުމާލެ ކައުންސިިލަރުގެ "ނޯޓު ފޮތަށް" ނާރަނީތޯ ވަނީ ސުވާލުކޮށްފައެވެ.

އެ ޓުވީޓާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓަކު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދެމުން އަންނަނީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަަމަށެވެ. އަދި އެ ހިދުމަތާ ގުޅޭ ޝަކުވާތައް ކުރެއްވުމަށް އެ ކުންފުނީގެ ފޯކަލް ޕޮއިންޓްއަށް ގުޅުއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޝުޖާއު ވިދާޅުވި ގޮތުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މާލެ ސިޓީ ކައުންސިލަށް ބޮޑެތި ބާރުތަކެއް ލިބިފައިވެއެވެ. ލާމަޒުކަޒީ ގާނޫނުގައި ހުޅުމާލެއަކީ މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާ އެދާއިރާއަށް ކައުންސިލަރަކުވެސް އައްޔަން ކުރުމަށްވެއެވެ. އަދި އެ އަވަށުގެ ކަންކަން ކުރިއަށް ދާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށްވެއެވެ. ނަވެސް އެކަން އެގޮތަށް ނުދާކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.

"ގާނޫނުގައިވާ ބާރު ނުދީގެން ތިއުޅެނީ ކީއްވެތޯ އަހާލަބަލަ ދެ ރައީސުން ކައިރީ؟ލާމަރުކަޒީ ނިޒާމުގެ ބައްޕަ އަކީ ތިމަންނައޭ ކިޔާފަ ކޯޗެއްތަ ތިހަދަނީ؟ބަލަ ހުޅުމާލެ ރައްޔިތުން ބޭނުންވަނީ ކުންފުންޏެއްގެ އަޅުވެތި ކަމުން ސަލާމަތް ވާށޭ. އެހެން ވެގެނޭ ކައުންސިލަރަކަށް ޝުޖާޢު ހޮވީ." ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވެއެވެ.

 

އޭނާ ވިދާޅުވީ އަދިވެސް ހުޅުމާލޭގެ ބާރުވެރިކަން އޮތީ އެރަށް ބަލަހައްޓަމުން އައި އެޗްޑީސީ ކުންފުނީގެ އަތްމަތީގައި ކަމަށެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އެޗްޑީސީ އުފައްދާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ކުންފުނި އުފެއްދުމަށްފަހު އެރަށުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރިއެވެ.

އޭގެ ފަހުން ކޮންމެ ސަރުކާރެއްގައި ވެސް މި ސިޔާސަތު ތަންފީޒުކުރިއެވެ. މިހާރު އެކަމަކު ޕީޕީއެމް އާއި އެމްޑީޕީގެ ވެސް ބައެއް އިސް ބޭފުޅުން ވަނީ އެ ސިޔާސަތު ބަދަލުކޮށް މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސަށް ގެންނަން ވަކާލާތު ކުރައްވައިފައެވެ.

އެޗްޑީސީއަށް މިލްކުކޮށްދީފައިވާ ހުޅުމާލެ ބިމުގައި އެއްވެސް ކަމެެއް ކުރާ ނަމަ އެ ކުންފުންޏާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ދާދި ފަހުން ވިދާޅުވެފައިވެއެވެ.