ދީނީ އިލްމުވެރިންނާ ބައްދަލު ކުރަން އޮތް ހުށަހެޅުމެއް ބޭއްވުމަށް ފަހު، ނަފުރަތުގެ އަމަލުތައް އިތުރަށް ބަޔާން ކުރަން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ދިރާސާގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާލައިފިއެވެ.

ޖުޑީޝަރީ ކޮމިޓީއަށް އާންމުން ދީފައިވާ ޚިޔާލުތަކާއި އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފައަށް ރިއާޔަތްކޮށް އެކުލަވާލި ޑްރާފްޓަށް މެންބަރުންގެ ޚިޔާލާއެކު ކުދި ބަދަލުތަކެއް ގެނައުމަށް ފަހު އެ މަސައްކަތް ވަނީ މިއަދު ނިންމާލައިފައެވެ.

ބިލުގެ މަސައްކަތް ނިންމާލައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގެންނަން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އެންމެ މެންބަރަކު ފިޔަވައި ދެން ތިއްބެވި މެންބަރުންގެ ވޯޓުންނެވެ.

ބިލު ތަޅުމަށް ގެންދަން ފާސްކުރަން ވޯޓު ނުދެއްވީ ކޮމިޓީގައި އިންނަވާ ހަމައެކަނި އިދިކޮޅު ކޯލިޝަންގެ މެންބަރު، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ.

ރިޒާ ވަނީ ބިލުގެ ދިރާސާ ކުރިއަށް ގެންދާ ވަގުތު ދީނީ އިލްމުވެރިންނާ ބައްދަލުކޮށްގެން ކުރިއަށް ގެންދަން ރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ހުށަހަޅުއްވައިފައެވެ. އެއަށް އެމްޑީޕީގެ މެންބަރުން މާ ބޮޑަކަށް ތާއީދެއް ނުކުރައްވައެވެ.

އެ ހުށަހެޅުއްވުމަށް ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އިއްޔެ އަދި މިއަދު ވެސް ވޯޓަށް އަހާފައެއް ނުވެއެވެ.

ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ފަހު، ތަޅުމަށް ގެންދަން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން އާންމު ގޮތެއްގައި އެހެން ހުށަހެޅުންތަކަށް ވޯޓަށް ނާޙައެވެ.

މުރުތައްދުވާނަމަ ކާފަރަށް ގޮވޭ ގޮތަށް ބިލަށް އިސްލާހެއް

ބިލަށް ކޮމިޓީން ގެނައި އެއް އިސްލާހަކީ އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހެވެ.

އޭގެ ބަދަލުގައި ވަރަށް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރިއެވެ. މި ގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަމެއްގައި ވަކި ގޮތެއް މީހަކު ނެގުމުން އޭނާ ކާފަރު ކުރުމުގެ ތުހުމަތުކޮށް އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ކުށެއް ކަމުގައި ލިޔުނެވެ.

މި ގޮތަށް މި ބިލު ގެނައީ ކޮމިޓީގައި ތިއްބެވި ދެ ގާނޫނީ ވަކީލުން ކަމުގައިވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފުޅާ ދާއިރާއެއްގައި ބަހުސްތަކެއް ކުރެއްވުމަށް ފަހު ދެ ފަރާތަށް ޚިޔާލު އެއްގޮތްވާ ގޮތެއްގެ މަތިންނެވެ.

މީގެ އިތުރުން ބިލުގެ ފުރަތަމަ މާއްދާއަށް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެއަށް އަކުރެއް ވަނީ އިތުރުކޮށްފައެވެ.

ބިލުގެ ފުރަތަމަ މާއްދާގައި އޮތީ އާންމު ތަނެއްގައި އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމަށް ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް މީހަކާ ދިމާއަށް ބުނުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމެވެ.

އެހެން އޮތުމުން އާންމުންނާއި އިލްމުވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތެވެ. އެ މާއްދާ އެހެން އޮތުމުގެ ސަބަބުން ދީނީ ނަސޭހަތް ދިނުމާއި މުންކަރާތްތައް ނަހީ ކުރުމާއި ދީނާ ޚިލާފު ކަންކަން މީހަކު ކުރުމުން އެ ކަން ހުއްޓުވަން ބާރު އެޅުމާއި ޚިޔާލު ފާޅު ކުރަން ހުރަސް އެޅިދާނެ ކަމުގެ ކަންބޮޑުވުން އުފެދުނެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވެސް އެންމެ ގިނަ ޚިޔާލުތައް ލިބުނީ އެ މާއްދާއަށް ބަދަލު ގެނައުމަށެވެ. މީގެ އިތުރުން އިސްލާމް މިނިސްޓްރީން ވެސް ވަނީ އެ މާއްދާ އޮތީ ދީނަށް ފުށު އަރާ ކަމަށް ވިދާޅުވެ އިސްލާހެއް ހުށަހަޅުއްވައިފައެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް ކޮމިޓީން އެ މާއްދާއަށް އިތުރު ކުރި މާއްދާގައި ވަނީ އިސްތިސްނާ ހާލަތެއް ހިމަނައިފައެވެ. އެއީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅު ކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުއްދަތުވާނެ އަމަލެއް ކޮށްފިނަމަ އެ ކަމުގެ ތުހުމަތު ކުރުމުގެ ހާލަތެވެ. އެހެންކަމުން އެ ހާލަތުގައި ކާފަރަށް ގޮވުމުގެ ހުއްދަ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސޭނުބޭ

  ބީތާތަކެއް ހަދާ ޤާނޫނަކަށް އިލްމުވެރިންގެ ބަހެއް ނުހޯދާނެ!

  34
  6
 2. ރަނާ

  ޢެމްޑީޕީ މީހުންގެ ކައިރީގައި އިްސްލާމް ދީނުގެ ޢިލްމްވެރިންގެ އަގެއް ނުހުންނާނެ .ޢެމީހުންގެ ކައިރީ ގައި އަގު ހުއްނާނީ އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންގެ

  45
  2
 3. ކީކޭ ބުނާނީވެސް...

  ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!

  13
 4. އައްޑޫ ޝަކުވާ ބޯޓު

  ބޮޑުމޭޒު ކޮޅުގައިި އެހުރީނު ބޮޑު ޝެއިހު އިމްތިޔާޒް.
  މިބައިގަނޑަށް ލާދީނީ ކިޔަނީ ހަމަކިޔަން ޖެހިގެން.
  ހަމަ ލާދީނީ. ޢެނގިއްޖެ!!!

  17
 5. ހަސަދު

  އިލްމު ވެރިންނަކީ ކޮބާބާ!!!.

  1
  6
 6. ޢސތޒ

  ލާދީނީ މީހުންނައް އިލްމުވެރީންނަކީ އެކަމުގަ ކުރިއަރާފައި ތިބޭމީހުން.

  1
  1
 7. އަހުމަދު

  މި ބިލު ބޭރުކުރޭ. މީގެ ބޭނުމަކީ ލާދީނީ މީހުން ރައްކާތެރި ކުރަން.

  3
  2
 8. ހުދުކާޅު

  މިބިލު ރައީސް ޞާލިހު ތަސްދީޤު ނުކުރުން އެދެން. މަނިކުފާނު މިބިލު ތަންފީ ނުކުރެއްވިއްޔާ މެމްބަރުން މަނިކުފާނު ބޮލުގައި އަޅުވަންއުޅޭ ބޮޑު ހުތުރު އޮޓަމެޓިކުން މަޖިލިސް މެމްބަރުންގެ ބޮލަށް ޤާނޫނު ނިޔާކުރާގޮތުން ކެނޑިގެންދާނެ. ވިސްނަވާނެކަމަށް އުންމީދުކުރަން.