ސިވިލް ކޯޓަށް ހުށައެޅިފައިވާ މައްސަލައެއް ލަސްކުރަން އެ ކޯޓުގެ ގާޒި ފައްޔާޒު ޝަތިރު މަސައްކަތްކުރައްވާ ކަމަށް ބުނެ މައްސަލަ ބަލައިދޭން ޖޭއެސްސީ އަށް ހުށައަޅައިފިއެވެ.

މި މައްސަލަ ޖޭއެސްސީއަށް ހުށައެޅީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުއެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއަށް ފޮނުވި ސިޓީއެއްގައި ނާޒިމް ވިދާޅުވީ ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސްއާ ދެކޮޅަށް ކުރާ ދަޢުވާ، 2019 ވަނަ އަހަރު ރަޖިސްޓްރީކޮށް އެ މައްސަލަ ބަލަން މިދިޔަ އަހަރުގެ މާޗް މަހު ކޯޓުން ގާޒީ ފައްޔާޒާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ދަޢުވާކުރާ ފަރާތުން، އިޖުރާއީ ނުކުތާއެއް 23 ފެބްރުއަރީ 2020 ގައި ހުށަހެޅުމުން، އެ ކަމަށް ގާޒީ ގޮތެއް ނިންމާފައިވަނީ އޭގެ ނުވަ މަސް ފަހުން 25 ނޮވެމްބަރ 2020 ގައި ކަމަށެވެ.

މިދިޔަ އަހަރު މައްސަލައާ ގުޅޭ ގޮތުން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލަ ނިންމާލީ 27 ޖެނުއަރީ 2020 ގައެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުގައި ޖޫން މަހުގެ 10 ގައި އަޑުއެހުން ބޭއްވިއިރުވެސް ދަށުކޯޓުން ހެކި ލިސްޓުވެސް ހުށައެޅިފައިވޭތީ ގާޒީ ބަލާފައިނުވާ ކަމަށް ސިޓީގައިވެއެވެ.

ގާޒީ ފައްޔާޒުގެ ސެކްޝަންތަކުގެ މައްސަލަތައް އާންމުކޮށް ލަސްވާކަން ފާހަގަކޮށް އޭނާގެ އަށް ފިޔަވަޅު އަޅައިދޭން ނަޒީމް އެ ސިޓީގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަކްމެޑް

    ހައިކޯޓުވެސް ހަމަ ތިހެން. މައްސަލައިގެ އަޑުއެހުންތައް ނިއްމާފަ މައްސަލަ ހު ކުމް ނު ކޮށް އޮންނަތާ އަހަރުވެއްޖެ

  2. ލލ

    ތިމާ ދައުވާ ކުރާ މައްސަލައެއްގައި ވަކީލު ޤާޒީގެ މައްސަލަ ހުށަހެޅުމަކީ ޤާޒީގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުމުގެ ނާތަހުޒީބް ޢަމަލެއް !