މާލެ އިން 15 މީހުންނާއިއެކު ޖުމްލަ 129 މީހުން މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 111 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފާއިތުވި ފަސް ދުވަހަށް ބަލާއިރު އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މިއަދު ރިސޯޓްތަކުން ކޮވިޑަށް ފައްސިވީ ދެމީހުންނެވެ. ސަފާރީއަކުން އިތުރު އެކަކު މިއަދު ފައްސިވިއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވީ ގދ.ތިނަދޫންނެވެ. އެރަށުން މިއަދު 44 މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު 4913 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %2.63 މީހުންނެވެ.

މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު 2000 އާއި ކައިރި ކުރި ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ވަނީ ޖޫން މަހުން ފެށިގެން މަދުވާން ފަށާފައެވެ. މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ 19 ވަނަ ދުވަހެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް އަތޮޅުތެރޭގެ ބައެއް ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އެގޮތުން ގދ.ތިނަދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ހއ.ދިއްދޫން ގިނަ ބަޔަކު އަންނަނީ ފައްސިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު