އެމްޓީސީސީގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021" އަށް ކެންޑިޑޭޓުން ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުއައްޒަފުންނާއި، ވެލްޑިންގް ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރެވޭނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގޭނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތީގެ ނިޔަލަށް ހެނދުނު 7:00 އިން މެންދުރު 3:00 އަށް ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް 5000ރ. ގެ އެލަވަންސެއް ކޮންމެ މަހަކު ދޭނެއެވެ. އަދި ދިރިއުޅޭ ރަށްނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދާނަމަ ހުރުމާއި ކެއުމުގެ ޙަރަދުވެސް އެމްޓީސީސީން ހަމަޖައްސަދޭނެއެވެ.

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން 50 މީހަކު ތަމްރީން ކުރަން ވަނީ ހަމަޖެހިފައެވެ.

އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ފުރުސަތު، މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގް ގެ ދާއިރާތަކަށް 10 ފުރުސަތެވެ. އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކުށުގެ ރިކޯޑްނެތް ދިވެހިންނަށް ހުޅުވާލާފައިވާ މި ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީޚަކީ ޖުލައި 14 އެވެ. އަދި އިންޓަވިއު މަރުޙަލާއަށްފަހު ހޮވޭ ބައިވެރިންނާއެކު މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 ގައެވެ.

ކިޔުންތެރިންގެ ހިޔާލު