ބަރުލަމާނީ ވެރިކަން ކުރުމުގެ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތް ކަން ވަރަށް ސާފު ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމާޒެކެވެ. އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނެގުމަށެވެ.

މަޖިލީހުގެ ރައީސަށް އާންމުން ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ ދައުރު ނިމޭއިރަށް އެ މަސައްކަތް ނިމެން ޖެހޭ ކަމަށެވެ.

އެ މަސައްކަތް ކުރައްވާނީ ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާ ވެސް ގުޅިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަނެއްކާ ވެސް ނިޒާމުގެ ވާހަކަ ދައްކަވާފައިވަނިކޮށް، މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާ ކުރާނެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައި ވަނީ ވެސް އެ ނިޒާމު، ވީމާ ބަރުލަމާނީ ނިޒާމަކަށް މި ރާއްޖޭގައި ޖާގައެއް ނެތް، ވަރަށް ސާފު،" ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.

2007 ވަނަ އަހަރު ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. 30 އަހަރުގެ މުއްދަތަކަށް ވެރިކަން ކުރެއްވި މައުމޫނާ އެންމެ ވާދަވެރި ނަޝީދު އޭރު ވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫނާއި، މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫންއާއި، ނަޝީދުއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވާދަކުރެވޭ ގޮތެއް ނުވިއެވެ.

އެ ދުވަސްވަރު ނަޝީދު ހުށަހެޅުއްވީ އެ އަހަރުގެ އިންތިޚާބުގައި އެ ޕާޓީތައް ގުޅިގެން ކެންޑިޑޭޓެއް ނެރުމަށް ފަހު އެ ކެންޑިޑޭޓް ދޮޅު އަހަރެއްހާ ދުވަހަށް ވެރިކަން ކުރެއްވުމަށެވެ. އެއަށް ފަހު ބަރުލަމާނީ ނިޒާމަކަށް ނިޒާމު ބަދަލު ކުރުމަށް ފަހު އެންމެން ބައިވެރިވާ އާންމު އިންތިޚާބެއް ބޭއްވުމަށެވެ.

އެކަމަކު ފަހުން ކޯލިޝަންގެ ބައިވެރިންގެ ތާއީދު ނުލިބުމުން އެ ދުވަސްވަރު އެ ހުށަހެޅުން ބޭއްވިއެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އެ ބައިތައް ވަނީ ކޯލިޝަންގެ މެނިފެސްޓޯ އާންމު ކުރިއިރު އުނިކޮށްފައެވެ،

އޭގެ ބަދަލުގައި ކޯލިޝަންގެ ގާނޫނެއް ވުޖޫދުކޮށް ވެރިކަން ކުރާ ކޯލިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުން ހިމެނިއެވެ. އެ ގާނޫނުގައި ހިމެނޭ ބައިތައް ވާނީ ކޯލީޝަންގެ ލީޑަރުން ސޮއިކުރައްވާ އެއްބަސްވުމަކަށް ވާނެ ކަމަށް އޮތެވެ.

އެކަމަކު މިއަދާ ހަމައަށް ވެސް އެ މަސައްކަތް ކޮށްފައެއް ނެތެވެ. އެ ކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވެސް ސަރުކާރުން މިހާތަނަށް އެކުލާވާލާފައެއް ނުވެއެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާތަނަށް ވެސް ވިދާޅުވެފައިވަނީ ނިޒާމު ބަދަލު ކުރުމަށް ވުރެ މުހިއްމު ކަންކަން ހުރި ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރާނަމަ، އެ ކަން ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ސީދާ ވަކި ކޮޅެއް އެމަނިކުފާނު ނުނަންގަވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ބަރުލަމާނީނިޒާމައް ޖާގަދޭންނުޖެހޭ ވަރައްސާފް.....

  2. ނަނާ

    ކަލޭއައުޓު

  3. ނަނާ

    ޔޫެއައުޓު

  4. ޢަހުމަދު1

    މީގެ އެންމެ ބޮޑު ހެތްކަކީ ސަރުކާރާއި އަދި އެހެނިހެން ހުރިހައި ބާރުތައް ހުރީ އެމްޑީޕީ އަތް ދަށުގައި. ޢަތް ދަށުގައި އޮތް ކަމަކު ޑިމޮކްރަސީ އެއުޅެނީ ރަނގަޅަށް ނުހިނގައިގެން.

    1
    1
  5. މަހާ

    ކޮންމެ އެއްޗެކޭ ކިޔާފަވެސް ޓްވީޓް ކުރެވިދާނެ!
    ތިޔަހުރެވެނީ ބަރުލަމާނީއަށް ތާއީދުކޮށްގެން،
    ހިނި އަންނަނީ!