ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމުން އަމުރު ނުނެރެވޭނެ ކަމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތް ކަމަށް ނުދެކޭތީ ޕާސްޕޯޓް ހިފަހައްޓައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ޕީޖީއަށް އެންގިއެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވަމުން ދަނީ ގާޒީ ހަސަން ސައީދެވެ.

ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށައަޅާފައިވާކަން "ވަގުތު" އަށް ޔަގީންކޮށްދީފައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްހީ ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ބައިވެރިވާ ގޮތަށެވެ.

އެ އެއްބަސްވުން ވެސް ހަމަވެފައިވަނިކޮށް ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ބައިވެރިވަޑައިގަނެފައެވެ. މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔަ މައްސަލަވެސް ޕީޖީން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މިކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕީޖީއިން ވިދާޅުވެއެވެ. އަދި ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދިފައި ވީނަމަވެސް މިހާތަނަށް ވެސް ކޯޓުން އެ ލިޔެކިއުންތައް ހުށަހަޅާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިމްނާ

  މި ޑްރާމާ ބޮޑު މައްސަލަ ފަހަތުން ދުވާގޮތައް އެހެން މައްސަލަ ފަހަތުން ޝަމީމަށް ނުދުވެނީ ތޯ؟ ކޮބާ ވެންޓިލޭޓަރު ކޭސް؟ ކޮބާ ސަފާރީ ރޭޕް؟ ކޮބާ އެމް.އެމް.ޕީއާރްސީ މައްސަލަ؟ ކީއްވެގެން ވަކި އެއް މައްސަލައެއް މުހިންމުވަނީ؟ ކޮންކަމެއް ފޮރުވަން؟

 2. ލލ

  ބަލަ އަލީ އަކީ ޑިޕޮލެމެޓިކް އޮފީއެއްގެ ޑެޕިއުޓީ އެމްބަސެޑާރ ދެން ކިހިނެއްތޯ ޕާސްޕޯޓް ކެންސަލް ކުރާނީ ވާނުވާ ނޭގޭ ޕީޖީ !

  2
  1
 3. ގެނޭ

  ރެޑު ނޯޓިސް ނެރެގެން ގެނެސްބަލަ!

 4. ލޫޓުވާ

  ޤާޟީ ޙަސަން ސަޢީދު ޖޭއެސްސީއަށް ޙާޟިރުކުރިދުވަހު ކީރިތި ކުރެއްވި ހަނދާންވޭ. އޭގެފަހުން ވަރަށް ސަރުކާރުވެގެން މައްސަަލަ ބައްލަވާތަން މިފެންނަނީ. ކިހިނެއްމިވަނީ ޤާނޫނުތަކާއި ޚިލާފަށް ބާރުއޮތް ކޮޅަކަށް ދީލާލީދޯ. ޖިނާއި އިޖުރާތު ފުނޑާލަނީ ސިޔާސީ މީހެއްގެ ޙައްޤުގައި. ދެން ސްޕްރީމްކޯޓުން ޖާގައެއް ލިބިދާނެ.

  2
  2