ރިޔާސީގަނޑުވަރު މުލިއާގެ ކައިރިއަށް ގޮސް ބޮމުގެ އިންޒާރު ދިން ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިިފި އެވެ.

މިއަދު މެންދުރު ދެ މީހުން ހައްޔަރުކުރީ އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. ދެ މީހުން ހައްޔަރުކޮށް އެ ސަރަހައްދުގައި މިއަދު މެންދުރު ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އިންޒާރުގައި އެއްވެސް އަސްލެއް ނެތްކަން އެނގުމުން ފަހުން ވަނީ މުލިއާގެ ސަރަހައްދު އާއްމު ހާލަތައް ގެނެސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނި މީހާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ދެން ހުރި މީހާ ދޫކޮށްލާފައިވާ ކަމަށެވެ. ބަންދުގައި ބެހެއްޓި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މާދަމާ ކޯޓަށް ގެންދާނެއެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

ނިރުބަވެރި އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ.

ގާނޫނުގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޒަރީޢާއެއް މެދުވެރިކޮށް، ލިޔުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެއެވެ. އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި ހައަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި 6 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓްކުރި މީހަކު ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓުކުރި މީހަކު މިހާރު ވެސް ފުލުހުންގެ ބަންދުގައި އެބަހުއްޓެވެ.

ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބިރަކާނުލާމަޖާކުރުން

    އެހެންވީމަ ވަރަށް ސީރިއަސްކޮށް ބަލިފަކަ ނެތެއްނު؟

  2. ޥ

    މިޔަށް ކިޔަނީ ކޮންކަހަލަ ފުކުރެކޭބާ.....

  3. ކޮވިޑް

    ކުޅޭ ކުޅޭ ސަރުކާރެއްތަ މީ؟ މަގުމަތިން ދާ ބުޅަލެއް ބޮން ކީހެން ހީވިޔަސް ނިމުނީ ދޯ؟ މަޖާ ކަމެއް ހާދަ ޓޯއީ އޭ އިބޫ.