ރާއްޖެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް %1 އަށް ވެއްޓިއްޖެއެވެ.

އިއްޔެ ރާއްޖެ އިން 4580 މީހުން ކޮވިޑަށް ޓެސްޓް ކުރިއިރު ފައްސިވެފައި ވަނީ 55 މީހުންނެވެ. އިއްޔެ ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ ތެރެއިން %1.20 މީހުންނެވެ. އެހެންކަމުން އިއްޔެ އަކީ މިއަހަރުގެ ޖަނަވަރީ މަހަށް ފަހު ފައްސިވި މީހުންގެ ނިސްބަތް އެންމެ ދަށަށް ދިޔަ ދުވަހެވެ.

މެއި މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައިރު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން %30 އަށްވުރެ ގިނަ މީހުން ވެސް ފައްސިވަމުން ދިޔައެވެ. ކުރި ޓެސްޓްތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު ޓެސްޓް ކުރި މީހުންގެ ތެރެއިން %39.56 މީހުން ކޮވިޑަށް ފައްސިވިއެވެ.

މެއި މަހުގެ އެންމެ ފަހު ދުވަސްކޮޅުން ފެށިގެން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އިއްޔެ އަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 24 ވަނަ ދުވަހެވެ. އަދި ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން ދަށުގައި ހުރެ ހަތަރު ދުވަސް ފުރަތަމަ ފަހަރަށް ހޭދަވީ ވެސް އިއްޔެ އެވެ.

މެއި މަހު ރާއްޖެ އިން ދުވާލަކު ކޮވިޑަށް ފައްސިވި މީހުންގެ އެވްރެޖް އަދަދު ހުރީ 1115 ގައެވެ. ޖޫން މަހު އެވްރެޖްކޮށް ދުވާލަކު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 313 އަށް މަދުވިއެވެ. މިމަހު މިހާތަނަށް ފައްސިވި މީހުންގެ އަދަދަށް ބަލާއިރު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ހުރީ 123 ގައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް މަދުވާން ފެށުމުން މިމަހުގެ 07 ވަނަ ދުވަހުން ފެށިގެން ވަރަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އުވާލާފައެވެ. އޭގެތެރޭގައި ވެކްސިން ފުރިހަމަ ކުރުމުން ދަތުރު ކުރުމުގެ ހުއްދަ ދިނުމާއި، ޓީމް ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދިނުމާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތޯތާ

    އަދިވެސް އަހަރެމެން ދޫކޮށްލާކަށް ނުވޭތަ