ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާ ނުވާތާ ދިހަ ދުވަސް ފަހުން މިއަދު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ށ.އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 59 އަހަރުގެ އަންހެނަކު ރޭ ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ރޭ މެންދަމު 03:05 ގައެވެ.

ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 214 އަށް އަރާފައެވެ.

މިއަދު ކޮވިޑްގައި މީހަކު ނިޔާވެފައި މިވަނީ މިމަހުގެ 01 ވަނަ ދުވަހު ކޮވިޑްގައި ދެމީހަކު ނިޔާވި ފަހުން، ކޮވިޑްގައި މީހަކު ނިޔާނުވެ ދިހަ ދުވަސް ވޭތުވެގެން ދިޔަ ފަހުންނެވެ. މެއި މަހު ރާއްޖޭގެ ހާލަތު ގޯސްވި ފަހުން ރާއްޖެ އިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. މިމަހު ނޫނީއްޔާ ފާއިތުވި ދެމަސް ދުވަހު ކޮވިޑްގައި މީހަކު ނިޔާނުވެ މިހައި ގިނަ ދުވަސް ވޭތުވެފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 21 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު