ކަރަންޓީންވުމަކާއި ނުލާ ރަށްރަށަށް ދެވޭ ގޮތް ވަނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށް، 14 ދުވަސްހަމަވެފައިވާ އާއިލާއާއެކު ދާ ކުޑަކުދިންނަށް އެކަނި ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.

18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނައްސި ޕީސީއާރް ޓެސްޓަކާއި އެކު ދަތުރުކުރެވޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހަމަޖެއްސީ ވެކްސިން ޖަހައިގެން ލުއި ދިން ފަރާތްތަށް ރަށްރަށަށް ދަތުރުކުރެވުނު ނަމަވެސް، ކުޑަކުދިން ތިބި ނަމަ އެ ފުރުސަތު ގެއްލޭ ކަމުގެ ޝަކުވާތައް ކުރަން ފެށުމާއި ގުޅިގެންނެވެ. ރާއްޖޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ޖަހަން އަދި ނުފަށައެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކަރަންޓީންވާން ނުޖެހޭނީ ވެކްސިން ފުރިހަމަކޮށްފައިވާ އާއިލާއާއެކު ދަތުރު ކުރާ ކުޑަކުދިން ކަމަށެވެ.

"އާއިލާގެ މީހުންނަކީ ވެކްސިން ޖަހާފައި ތިބި މީހުން ކަމުގައިވަންޏާ، އެ މީހުންނާއެކު ދަތުރުކުރާއިރުގައި، އެ ކުދިން ކަރަންޓީންވާން ނުޖެހޭނެއޭ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެގޮތަށް އުސޫލު ހަދާފައި ވަނީ ކޮންމެ ކުޑަކުއްޖަކު ކޮންމެ ކޮންމެ މީހަކާއެކު ދަތުރު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ނޫން ކަަމަށެވެ.

"އާއިލާ ރަަށަށް ދާން ބޭނުންވާއިރުގައި، ކުޑަކުދިން ގޮވައިގެން ދިއުމަށް ދަތިވާތީވެ، ބެލެނެވެރިން ވެކްސިން ޖަހާފައި ހުރެއްޖެއްޔާ އެ މީހުންނާއި އެއްކޮށް ދާ ކުޑަކުދިން ދޫކުރެވޭނީ".

އަދި އެކަން ކުރަން ޖެހޭނީ ސިސްޓަމްގެ ތެރެއިން އެޕްލައިކޮށްގެން ކަމަށްވާއިރު، ކައުންސިލްތަކުން އެކަންކަން ބަލަމުންގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދަތުރުކުރުމުގައި ދިން ލުއިތައް އިއުލާނުކޮށް ދެންމެ ގެޒެޓްކުރި ލިޔުމުގައި ބުނެފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޒުލާ

    ޢާން ދެންތިބި މީހުން 1ޑޯޒް ޖެހީމަވެސް 14 ދުވަސް އަޅެ އަޖައިބެންނު

    3
    1
  2. ޝަރީފް

    ދެންތިބި މީހުން 2ޑޯޒް ޖަހާފަ ޕީސީއާރު ޓެސްޓް ހަދާފަ ނެގެޓިވް ވީމަ ނުދެވުން މީ ހަމަ އަޖައިބެއް

  3. ާއަލީ

    ކޮބާ މާބަނޑު މީހުންގެ ހައްގު. ވެކްސިން ފުރުސަތު ނުލިބި ތާށިވެފައި