މިއަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ވެސް ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރި، 2000 އަށްވުރެ ގިނަ އަޑުއެހުންތައް އެކި ސަބަބުތަކާއި ހުރެ ކެންސަލް ވެފައިވާ ކަމަށް އެކޯޓުން ހާމަ ކޮށްފިއެވެ.

އެކޯޓާއި ހަވާލާދީ 'އަދަދު' ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރުމަސް ތެރޭ އެކޯޓުން ބާއްވަން ހަމަޖެއްސި 2،354 އަޑުއެހުން ވަނީ ކެންސަލް ވެފައެވެ.

އެނޫހަށް އެ މައުލޫމާތު ދީފައިވަނީ މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ތާވަލުކުރި އަޑުއެހުމުގެ އަދަދާއި ކެންސަލްކުރި އަޑުއެހުންތަކުގެ ތަފްސީލުތައް ސާފު ކުރުމަށް އެދުމުންނެވެ.

އެހެން ނަމަވެސް އެކޯޓުން ހަތަރު މަސް ތެރޭ ތާވަލުކުރި ޖުމްލަ އަޑުއެހުންތަކުގެ އަދަދު ބަޔާނެއް ނުކޮށް ވަނީ ކެންސަލް ކުރި އަޑުއެހުންތަކުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ.

ކޯޓުން ފޮނުވާފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ އަޑުއެހުންތައް ކެންސަލްވެފައިވަނީ ދައުވާ ލިބޭ ފަރާތްތަކާ ގުޅުންހުރި ސަބަބުތަކާހުރެއެވެ. އެގޮތުން 606 އަޑުއެހެންތައް ވަނީ ކެންސަލް ކޮށްފިއެވެ.

އިދާރީ ސަބަބުތަކާހުރެ 516 އަޑުއެހުމެއް ހަތަރު މަސް ތެރޭ ކެންސަލްކޮށްފައިވެއެވެ. އަދި، ކޮވިޑްއާ ގުޅިގެން 189 އަޑުއެހުމެއް ކެންސަލްކުރަން ޖެހުނެވެ.

އޭގެއިތުރުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން، ކަރެކްޝަނަލް ސާވިސް އަދި ފުލުހުންއާ ގުޅުންހުރި ސަބުބަތާހުރެ 298 އަޑުއެހުމެއް ކަންސަލްކުރަން ޖެހިފައިވެއެވެ.

ހެކިންނާ ގުޅުންހުރި ސަބަބުތަކާ ހުރެ 121 އަޑުއެހުމެއް ކަންސަލްކުރަމް ޖެހުނުއިރު ވަކީލުންނާ ގުޅުންހުރި ސަބަބުތަކާ ހުރެ 332 އަޑުއެހުމެއް ކެންސަލްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު