ގެއްލިގެން ހޯދަމުންދިޔަ ލަވަކިޔުންތެރިޔާ މަންމީތް މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ޕަންޖާބީ ލަވަކިޔުންތެރިޔާ މަންމީތް ސިންގގެ ހަށިގަނޑު ހިމަޗަލް ޕްރަދޭޝްގެ ކަންގަރް ޑިސްޓްރިކްގެ ކަރެރީ ފެންގަނޑު ތެެރެއިން ފެނިއްޖެއެވެ. އޭނާ ހަށިގަނޑު ފެނިފައި ވަނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އޭނާއަކީ ސައިން ބްރަދާސްގެ މެންބަރެއްގެވެސް މެއެވެ. މި ހާދިސާ ހިނގާފައި ވަނީ އޭނާ ރަހުމަތްތެރިންތަަކަކާއެކު ދަރަމްޝަލާއަށް ކުރި ޒިޔާރަތުގައެވެ.

މަންމީތްގެ ރައްޓެހިން ބުނެފައި ވަނީ، މިދިޔަ ހޯމަ އޭނާ ދިޔައީ ކަރެރީ ފެންގަނޑަށް ކަމަށާއި، އޭނާ ގެއްލުނުއިރު، އެ ސަރަހައްދަށް ބޯކޮށް ވާރެވެހި ފެންބޮޑުވެފައިވާ ކަމަށް ވެއެވެ.

ފުލުހުން ބުނެފައި ވަނީ، މަންމީތް އެ ފެންގަނޑު ތެރެެއަށް ވެއްޓުނީ ކައްސާލައިގެން ކަމަށް ބެލެވޭއިރު، އޭނާގެ ހަށިގަނޑު ބެހިގެން ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އަންގާރަ ދުވަހުގެ ރޭގަަނޑުގެ ވަގުތެއްގައެވެ. އެހެން ނަމަވެސް ދަރަމްޝަލާއަށް އޭނާގެ ހަށިގަނޑު ގެންގޮސްފައި ވަނީ އިއްޔެ މެންދަމު 2:00 ޖެހިހާއިރު އެވެ. އަދި އޭނާގެ ޕޯސްޓްމޯޓަމްވެސް މިހާރު ވަނީ ހަދާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިގޮތަށް ގެއްލުނު އިތުރު ބައެއްގެ ހަށިގަނޑުވެސް ފުލުހުން ހޯދާފައި ވެއެވެ. އަދި ހަ ވަރަކަށް މީހުން އަދިވެސް ނުފެނެއެވެ.

އެ ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރާގައި މިދިޔަ އަންގާރަ ދުވަހާއި ހަމައަށް ނުވަ މީހަކު ވަނީ މަރުވެފައެވެ. އަދި އަށް މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ެއެވެ.

މަންމީތްއަކީ ދެ ދަރިންގެ ބައްޕައެކެވެ. އޭނާގެ އަންބަކުވެސް ހުންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު