ރައީސް އިބްރާހިމް މުހައްމަދު ސާލިހް އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުމުންދޫއަށް ވަޑައިގަނެފިއެވެ.

ރައީސް އެރަށަށް ވަޑައިގަތީ އަނބިކަނބަލުން ފަޒްނާ އަހުމަދާއި އެކުގައެވެ. އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުން ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ފޮޓޯތަކުން ގޮތުގައި ރައީސް ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު، އައިޝަތު އަލީއާއި، އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލްއާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމްގެ އިތުރުން ފޮރިންގް މިނިސްޓަރު އަބްދުﷲ ޝާހިދު، އަދި ޕްލޭނިގް މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގަނެފައި ވެއެވެ.

މީގެ އިތުރުން ހއ. އާއި ހދ. ގެ ބައެއް މެމްބަރުންވެސް ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވަޑައިގެންނެވިއެވެ.

އެހެން ރަށްތަކާއި ހިލާފަށް ރައީސް ކުމުންދޫއަށް އެރުމުން ވެެދުމަށް އަރުވާފައި ވަނީ ގަސްތަކެކެވެ. އެއީ ތިމާވެއްތަށް ރައީސް ލޯބިކުރައްވާތީ ކަމަށް ބެލެވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ދެން އޮތް މަންޒިލަކީ ހދ. ހަނިމާދޫއެވެ. އިއްޔެ އެމަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރާތް ކުރައްވާފައެވެ.