ސެލްފް ސާވިސް ހިދުމަތްތަކާ އެކު އެއްފަހަރާ 22 އުޅަނދަކަށް ހިިދުމަތްދެވޭ ޕެޓްރޯލް ޝެޑެއްް ގާއިމްކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިިން ނިންމައިފިއެވެ.

ރާއްޖެެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޤަސަމް ވިދާޅުވީ، މި ޝެޑްގެ ބިންގާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެޅިގެންދާނެ ކަމަށާއި، މިހާރުކުރެވެމުން އަންނަނީ މިތަނުގެ ކުރެހުންތަކުގެ މަސައްކަތް ކަމަށެވެ.

ޤަސަމް ވިދާޅުވީ މިހާރުގެ ގާއިމްކުރުމަށް ތައްޔާރު ވަމުން އަންނަ ޕެޓްރޯލް ޝެޑަކީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވަގުތީ ޝެޑާ އިިންވެގެން އެެތަންވެސް ހިމެނޭހެން ތަރައްގީކުރާ ޕެޓްރޯލް ޝެޑެއް ކަމަށެވެ.

"މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނާނެ ވަގުތީ ޝެޑެއް. އެތަންވެސް ހިމެނޭ ގޮތަށް އެތަނާ އިންވެގެން އެތަނުގެ ތިންގުނަ ބޮޑުތަނެއް އަޅަން ޕްލޭން މިކުރަނީ. އެތަނުން އެއްފަހަރާ 14 ސައިކަލަށް އަދި 8 ވެހިކަލަށް، ކާރު ޕިކަޕު މިކަހަކަ އެއްޗެއްސަށް ހިދުމަތް ދެވޭނެ،" ޤަސަމް ވިދާޅުވިއެވެ.

ޤަސަމް ވިދާޅުވީ އެއީ ޒަމާނީ ފެންވަރަށް ސެލްފް ސާވިސް ހިދުމަތް ލިބޭނޭހެން ގާއިމްކުރާ ޕެޓްރޯލް ޝެޑެއް ކަމަށެވެ. މި ޝެޑަކީ ޖާގައިގެ ގޮތުން ތަނަވަސް ޝެޑެއްކަން ފާހަގަކުރައްވާ ގަސަމް ވިދާޅުވީ، މި ޝެޑުން އެއްފަހަރާ 22 އުޅަނދަކަށް ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެތަން ފަށާއިރު އެއްވެސް ސްޓާފެއްގެ އެހީއަކާ ނުލައި އަމިއްލައަށް ފައިސާ ދެއްކޭނެ، އަމިއްލައަށް ތެޔޮ އަޅައިގެން ހިދުމަތް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް،" ޤަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ މި ޝެޑް ގާއިމްކުރުމުގެ ކުރިން އެހެން ޝެޑަކުން ސެލްފް ސާވިސް ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.