މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން، ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވެނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.

މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އެ ހަަމަލައާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު ހަތަރު މީހުންގެ ތަހުގީގާއި ގުޅޭ މައްސަލަ ލިބިފައިވާ ކަމަށެވެ. އަދި އިތުރު ތަހުގީގު ކުރިއަށްގެންދަން ޕީޖީން ބައިވެރިވަމުންދާ ކަަަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެއްވުމަށް ފަހު، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު އެމަނިކުފާނު ފަރުވާ ހޯއްދެއްވިއެވެ. އާއިލާއިން ބުނާ ގޮތުން، އިނގިރޭސިވިލާތަށް ވަޑައިގަތީ ވެސް އިތުރު ފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާ

    ތީގައި ދެކެވޭނީ އެންމެ ވާހަކައެއް. އެއީ ނަތީޖާ އެއް ނުނެރެވުން ވާހަކަ.

  2. ކިޔާ

    ދޭހަވާގޮތަށް އެއްޗެއް ކިޔާތަ. ތަންފުރެންދެން ނޫސްވެރިން ވައްދާފަ ނޫސްވެރިއަކު ކުރާ ސުވާލަކާ ގުޅޭ ޖަވާބެއް ދޭން އެނގެނީއެއްވެސް ނޫން. ދެން ބުނާނީ މާދަމާ މާދަމާ މާދަމާ މާދަމާ އޭ. ބޯހަލާކު