ދިވެހިންގެ ޘަޤާފަތް ރަމްޒުކޮށްދޭ ދިވެހި ވަންތަ މަސައްކަތްތަށް ހިމެނޭ ގޮތަށް ވާދަވެރި އިވެންޓްތަކެއް ހިމަނައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) މިހާރު ކުރިއަށް ގެންދާ "ހެސަ ވާދަ 2018" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ސަރުކާރު އޮފީސް އަދި ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީކުރުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 20:30 އިން 22:30 އާ ދެމެދު މުބާރާތް ކުރިއަށްދާ އިންޑަސްޓްރިއަލް ޒޯނު ސަރަޙައްދުގައި ކުރިއަށްދާނެއެވެ. އަދި ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެރެއާ ހަމައަށެވެ.

18 އަހަރުން މަތީގެ ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ރިޒާވަރުންނާއެކު 8 ބައިވެރިން ހިމަނަންޖެހޭއިރު، އިވެންޓްގައި އެއްފަހަރާ ވާދަކުރެވޭނީ 5 ބައިވެރިންނަށެވެ.

"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން މި ޗެލެންޖުގައި ފުރިހަމަކުރަން ޖެހޭ އިވެންޓްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.

މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤްސަދުގައި އެމްއެންޑީއެފްއިން މުޅިން އަލަށް ފެށި މުބާރާތެކެވެ.

މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ 9192607 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވުމުން ލިބިލައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު