ކ.އަތޮޅު ކާށިދޫން އިތުރު 19 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން މިއަދު ފައްސިވި 19 މީހުންނާއެކު ޖުމްލަ ފައްސިވި އަދަދު 125 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ދެ މީހަކު ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ.

މީގެ ކުރިންވެސް ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެނުނު ކާށިދޫން ދެ ވޭދަނަ ފެނި އެރަށް ބަންދު ކުރީ ޖުލައި 13 ވަނަ ދުވަހުއެވެ. އެރަށުން އެދުވަހު ފައްސިވީ ކުރިން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ.

އެރަށުން މިއަދު ފައްސިވި 19 މީހުންގެ ތެރޭގައި ހިމެނެނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުން ފައްސިވި 16 މީހަކާއި، ކަރަންޓީނުގައި ހުއްޓާ ފައްސިވި މީހެއްގެ އިތުރުން، ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކެކެވެ.

މީގެ ކުރިން އެރަށުން 54 މީހަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ފަހުން ޖުލައި 13 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޖުމްލަ 125 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 123 މީހަކަށެވެ.

މިހާރު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 179 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😡😡

    އެކަމެއްނޭންގެ ރަށުން މާލެ ދޭ އެބަ ކޮންމެ ދުވަހަކު