މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ގެންދިޔަ ބަލި މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ސިއްހީ މަރުކަޒު ތިން ދުވަހަށް ބަންދުކޮށްފިއެވެ.

މަރަދޫ ޞިއްޙީމަރުކަޒުން ކުރި އިއުލާނެއްގައި ބުނީ އެތަނޔގައި އެނދުމަތި ކުރެވިފައިވާ ބަލި މީހަކު ކޮވިޑް-19 ފައްސިވިއިރު މަރުކަޒުގެ ބައެއް މުވައްޒަފުން ބަލިމީހާއި އެއްތަންވެފައި ވުމުގެ ސަބަބުން މަރުކަޒުގެ ހިދުމަތް ކުރިއަށް އޮތް ތިން ދުވަހަށް (30 ޖުލައި 2021 ވަނަ ދުވަހުން 01 އޮގަސްޓް 2021 އަށް) ހުއްޓާލެވިފައިވާ ކަމަށެވެ.

މަރުކަޒުގެ މުވައްޒަފުންގެ ސުންސް ނެގި ނަތީޖާ ލިބުމަށް ފަހު އަލުން ހިދުމަތް ފަށައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މަރަދޫ ސިއްހީ މަރުކަޒުގެ އިއުލާނުގައި ބުނެފައި ވަނީ ބަލިވެގެން ފަރުވާ ހޯދަވަން ޖެހިވަޑައިގެންފިނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ދޭ ތަނަކަށް ވަޑައިގެންނެވުމަށް އިލްތިމާސް ކުރާކަމަށެވެ. މި ދަތި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށާއި ސިއްހީ މަރުކަޒު ބަންދުކުރުމުން ދިމާވެދާނެ ދަތިތަކަކަށް ނިހާޔަތަށް މާފަށް އެދޭކަމަށެވެ.

ބަލި މީހަކު ކޮވިޑަށް ފައްސިވުމުން މަރަދޫ ސިއްހީ މަރުކަޒު ބަންދުކުރި ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުން ކޮވިޑަށް ފައްސިވުމުން ވެސް ހިދުމަތްތައް ހުއްޓާލާފައެއް ނުވެއެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި ޑޮކްޓަރުންނާއި ނަރުހުން ކޮވިޑަށް ފައްސިވުމުން އެހެން ރަށްރަށުން ޑޮކްޓަރުންނާއި ނަރުހުން ގެންގޮސްގެން ވެސް ހިދުމަތް ދެމުން އެބަގެންދެއެވެ. އަދި މުވައްޒަފުން ކަރަންޓީން ވާން ޖެހުމުން މަދުއަދަދެއްގެ މުވައްޒަފުންނާއި އެކު ވެސް ހިދުމަތް ދެމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    މިދިޔަ 50 ހަކަށް އަހަރު ތެރޭގައި ގިނަ ޤައުމު ތަކުގައި އެންމެ ބޮޑަށް ފެތުރި އާންމު ވި އެއްޗަކީ މަސްތުވާތަކެތި އެކަން ކޮންޓުރޯ ކުރަން ބޯޑަރުތަކުގައި މިހާރު ކޮވިޑް ކޮންޓުރޯލް ކުރަން މިޖަހައިގެން އުޅޭ ހަޔަރސިކިއުރިޓީ ދާޖެހިނަމަ ދުނިޔެއިން މަސްތުވާ ތަކެތި ކޮންޓުރޯލް ކުރެވޭނެ !

  2. އިބުރާހިމް

    ރަށުތެރޭގައި ބަލި ފެތުރިފައި އޮތުމުގެ ފުރުސަތު ވަރަށްބޮޑު