ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު ތިން ވަނަ އަހަރަކަށް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ، 12 މަސް ދުވަހަށް ބެހިގެންދާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅާފައިވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ ގްރެގުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ތިން ވަނަ ބެޗްގެ ބައިވެރިންނަށް މަރުހަބާ ކިޔުމަކީ އެބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށާއި މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ ޓްރެއިނިންގ ގެ މުއްދަތުގައި މުސާރަ ދެވޭނެއެވެ. އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފް ކުރީ 2018 ވަނަ އަހަރެވެ. މިހާތަނަން މި ޕްރޮގްރާމުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 14 ފަރާތަކަށް ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު