އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ދަރިވަރުން ސްކޫލަތަކަށް ހާޒިރު ކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެންމެ ބޮޑަށް ގެއްލުންވި އެއް ދާއިރާއަކީ ތައުލީމީ ދާއިރާގައެވެ. މިއާއެކު ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ކުރިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވަމުން އައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށްގެން ފެށިއެވެ. އަދި ކޮވިޑްގެ ވޭދަނަތައް ދަށްވާން ފެށުމުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔަވަދޭން ވެސް ފެށިއެވެ.

އަދި ދަރިވަރުންގެ ކިޔެވުން ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހަށްވެސް ބަދަލު ގެނެސްފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުމަށް ސްކޫލްތައް ހުޅުވާއިރު، ހުރިހާ އެންމެންވެސް އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގަވާއިދުތަކަށް އަމަލު ކުރަން އަންގާފައެވެ.

އެގޮތުން ސްކޫލްތަކުގެ ދަންފަޅި އޮންނާނީ އާއްމު ހާލަތުގައި ވެސް އޮންނަ ވަރަށް ކަމަށާއި، ނަމަވެސް ފުރަތަމަ ދެ ހަފްތާގާއި މާލެ ސަރަހައްދުގައި ދަރިވަރު ސްކޫލަށް ހާޒިރުވާ ވަގުތު ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި، އެކި ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ދާ ގަޑި ތަފާތު ކުރުމަށް ސާކިއުލާގައި ވެއެވެ.

ކުދިން ކިޔަވާ ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާނެހެން، ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމަށާއި ކްލާސްރޫމް ތަރުތީބު ކުރާއިރު އަދި ކިޔަވައިދޭ ވަގުތު ވެސް ގައިދުރުކަން ބެހެއްޓުމަށް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުންނާއި ޓީޗަރުން، 7-5 ދުވަސް ތެރޭގައި ޕީސީއާރް ޓެސްޓް ހަދައި، ނަތީޖާ ނައްސިވިކަން ކަށަވަރު ކުރަން ޖެހެއެވެ. އަދި މި މަހު، މޮނިޓަރިންގައި އޮތް ރަށަކުން ދަތުރުކޮށްފައި ވާ ދަރިވަރެއް ނުވަތަ ޓީޗަރެއް ނަމަވެސް 7-5 ދުވަސް ތެރޭގައި ނައްސި ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހެއެވެ.

މިނިސްޓްރީން އަންގާފައިވާ އިތުރު ކަންތައްތައް

 • ކްލާސް ރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ދޮރުތައް ހުރިހާ ވަގުތެއްގައިވެސް ހުޅުވާފައި ބެހެއްޓުން
 • ކްލާސް ރޫމްގައި ގައިދުރުކަން ބެެހެއްޓުން، އެއާކޯންކޮށްފައިވާނަމަ ދަރިވަރުންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުން
 • ހިިރާސްބޮޑު ކެޓެގަރީގެ ދަރިވަރުން ފޭސްމާސްކާއެކު، ފޭސް ޝީލްޑް ބޭނުން ކުރުން
 • ސްކޫލަށް ވަންނައިރު، މާސްކް އެޅުމާއި، ހުން ބެލުމާއި، އަތްދޮވުމާއި، ސެނިޓައިޒްކޮށް، ޑިސްއިންފެކްޓް ކުރުން.
 • އިންޓަވަލް ގަޑީގައި ތިން ފޫޓް ދުރުގައި ކުދިންނަށް ތިބެގެން ކެވޭނެ އިންތިޒާމް ހަމަޖެއްސުން
 • އުމުރުން 12 އަހަރުގެ އެންމެން ވެކްސިން ފުރިހަމަކުރުމުން ނޫނީ އިތުރު ހަރަކާތްތައް ނުފެށުން
 • މުވައްޒަފުން ވެކްސިން ފުރިހަމަކުރި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ަހގތފފގގހހ

  އާނ، އަދިވެސް ހުޅުވާ، ދަރިވަރުންނަށް ކޮވިޑް ޖައްސާ.

  4
  3
 2. Anonymous

  ކޮވިޑް ކޮންޓުރޯލް ކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކޮވިޑްގެ ނުރައްކާ ބޮޑު ގައުމުތަކުން އަންނަ ބޭފުޅުއް ދެ ޑޯޒް ޖަހާފަ ނެގެޓިވް ޕީސީ އާރެއް އޮތިއްޔާ ކަރަންޓީން ވާންނުޖެހޭ ގޮތްހެދުން ވަރަށް ފާއިދާ ވާނެހެން ހީވޭ.