ރ. ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށްދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ފައިނަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައި ވެެެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 5.38 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާ، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާ، ފެން އުފެއްދުމަށްޓަކާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓާ، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.06 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 943 މީޓަރުގެ ޕަންޕިން ލައިން އެޅުމާ، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާ، 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އަދި އެމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގަކީ 63،344.370.14 މިލިއަން ދިވެހި ރުފިޔާއެވެ.

540 ދުވަހުގެ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމްޑަބްލިޔުއެސްސީން ދެއެވެ.