ރާއްޖެ އިން މިއަދު އިތުރު 137 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 23 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 100 މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު 14 މީހަކު މިއަދު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި އެއްހަފްތާ ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ޖުލައި މަހުގެ 20 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވީ މިއަދު އެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4996 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.74 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 24 ވަނަ ދުވަހަށް ފަހު އެންމެ މަދު ބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. ބެލެވޭ ގޮތުގައި ޗުއްޓީ ނިމުމާއި ގުޅިގެން މާލެ އިން އަތޮޅުތެރެއަށް ދަތުރު ކުރާ މީހުންގެ އަދަދު މަދުވާން ފެށުމުން ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 2566 އެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 30 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 17 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކޮވިޑަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުރުމަށް ފަހު އޮގަސްޓް ދެވަނަ ދުވަހު ފައްސިވި މީހުންގެ އަދަދު ދަށަށް ދިޔައެވެ. އެދުވަހު ފައްސިވީ 86 މީހުންނެވެ. ނަމަވެސް ފާއިތުވި ދެދުވަހު އަނެއްކާވެސް ވަނީ ފައްސިވި މީހުންގެ އަދަދު އިތުރުވެފައެވެ. އިއްޔެ 125 ފައްސިވިއެވެ.

ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައި މިވަނީ އީދު ބަންދަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދިނުމުން ގިނަ ބަޔަކަށް ރަށްތަކަށް ދަތުރުކޮށް އީދު ކުޅިވަރުތައް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.

އީދާއި ދިމާކޮށް ދިން ބޮޑެތި ލުއިތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިއެވެ. އަދި ރާއްޖޭގެ ބޯޑަރު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވާލުމާއިއެކު އިންޑިއާ އާއި ޕާކިސްތާނުން ގިނަ ބަޔަކު އަންނަނީ އަރަބި ގައުމުތަކަށް ދަތުރު ކުރުމުގެ ކުރިން ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ރާޢްޖެ ޒިޔާރަތް ކުރަމުންނެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށް އެބަގެންދެއެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 އަށް ވެކްސިން ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ދެން ކޮން ނިއުނޯމަލް އެކޭތަ މިކިޔަނީ

 2. އަލީ

  އިބުރާހިމްބެ ބުނީ އެކަމަކު ނިއުނޯމަލްއައް ދެވިއްޖެޔޭ!!!

 3. އޮބްޒާވާ

  މީ ރޭވި ނިމިފަ އޮތް ގޮތެއް. ޕޮއް.

 4. ޢަހުމަދު1

  ހުޅުމާލޭ ގެސްޓްހައުސްތަކުގައި ކައިރި އަވަށްޓެރި ގައުމުތަކުގެ މީހުން ފުރި ފައި. މަގުމަތީގަޔާއި ކައިރި ފިހާރަތަކުން މުޅިންވެސް އެމީހުން. ޢަނެއްކާވެސް ދާންމިއުޅެނީ ލޮކްޑައުން އަކަށް. ދަސްވީ ކޯއްޗެއް؟