އެކި މައުޟޫއުތަކަށް ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށާއި ބަހުސް ކުރަން އާންމުންގެ މެދުގައި މަގްބޫލް ކަން ހޯދާފައިވާ "ކްލަބް ހައުސް" މީސް މީޑިއާ އެޕްލިކޭޝަންގައި "ވަގުތު" އިން ކުރިއަށް ގެންދާ "ހަވާސް" ގެ ހަތަރުވަނަ އެޕިސޯޑްގެ މެހެމޭނަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މި ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުރޭ 9:00 ޖަހާއިރުއެވެ. މިއީ ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު "ވަގުތު" އިން ގެނެސްދޭ ޕްރޮގްރާމެކެވެ. ކްލަބް ހައުސްގައި އޮންނަ އެ ޕްރޮގްރާމް "ވަގުތު" ފޭސްބުކް ޕޭޖްގައި ވެސް ލައިވް ކުރާނެއެވެ.

މި ޕްރޮގްރާމަކީ "ވަގުތު" ގެ ނޫސްވެރިޔަކާއި ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި "ވަގުތު" އިން ކުރާ ސުވާލުތަކަށް ޕްރޮގްރާމްގެ ބައިވެރިން ޖަވާބު ދެއްވާނެއެވެ. އަދި އާންމުންނަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އުމަރު ނަސީރަކީ ސިޔާސީ ދާއިރާގައި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނަމަވެސް މިހާތަނަށް ގިނަ އިންތިޚާބުތަކުން އޭނާއަށް ކުރިމަތިވެފައި ވަނީ ނާކާމިޔާބީއާއެވެ. އެކަމަކު މިހާރު ހުންނެވީ އަޒުމު ވަރުގަދަ ކުރައްވައިގެން ކަމަށް ވިދާޅުވެއެވެ.

އުމަރު ނަސީރަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި އެންމެ ފުރަތަމަ އެއް ބޭފުޅާއެވެ. އުމަރު ގެންދަވަނީ އެ އަމާޒަށް މަސައްކަތް ކުރައްވަމުންނެވެ.

އުމަރުގެ ސިޔާސީ ހަޔާތް ފެށިގެން އައީ މާލެ މެންބަރު ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުރުވުމުން އެ މަގާމަށް ކުރިމަތިލައްވައިގެނެވެ. އެކަމަކު އެ އިންތިޚާބުގައި އުމަރު ނާކާމިޔާބުވެވަޑައިގެން ގޮނޑި ކާމިޔާބު ކުރައްވަނީ އަބްދުﷲ ކަމާލުއްދީންއެވެ.

އުމަރު އިސްވެ ހުންނަވައިގެން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނަމުގައި 2 ޖޫން 2005 ގައި ސިޔާސީ ޕާޓީއެއް ރަޖިސްޓާރ ކުރެއްވިއެވެ. އެ ޕާޓީގެ ޓިކެޓުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިގެން ލިބިވަޑައިގަތީ އެންމެ 1.4 އިންސައްތަ ވޯޓެވެ.

2010 ވަނަ އަހަރު އުމަރު ވަނީ އައިޑީޕީ ދޫކުރައްވައި ޑީއާރުޕީއާ ގުޅިވަޑައިގެންފައެވެ. ޑީއާރުޕީގެ ނައިބު ރައީސްގެ މަގާމު އުމަރު ފުރުއްވިއެވެ. ޑީއާރުޕީ ތެރޭ އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު އުމަރު ވެސް 2011 ގައި ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި ވެސް އުމަރު ވާދަކުރެއްވިއެވެ. އެކަމަކު އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

އެންމެ ފުރަތަމަ ޕީޕީއެމް ދޫކުރައްވައި ވަޑައިގަތް ނަމަވެސް އިިންތިޚާބުގެ ފަހު ބުރުގައި އެ ފަހަރު އުމަރު ޔާމީންއަށް ތާއީދު ކުރެއްވިއެވެ. އަދި ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކީ ވެސް އުމަރެވެ. އެކަމަކު އެ ސަރުކާރުގެ މެދު ތެރެެއިން މަގާމުން އިސްތިއުފާ ދެއްވައި ވަޑައިގަތެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމަށް ފުރަތަމަ އިއުލާން ކުރެއްވި ނަމަވެސް ފަހުން އުމަރު ވަނީ ނަން ހުށަނާޅުއްވަން ނިންމަވައިފައެވެ.

އުމަރު މިހާރު މަސައްކަތް ކުރައްވަނީ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި ސިޔާސީ ހަރަކާތެއް ވެސް އުފައްދަވައިގެންނެވެ. އެ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމުގެ ވިސްނުންތަކެއް ހުންނެވި ކަމަށް ވިޔަސް އެ ކަމާ މެދު އަދި އުމަރު ގޮތެއް ނުނިންމަވައެވެ.

އުމަރު ނަސީރުގެ ސިޔާސީ ހަޔާތުގައި ވެސް އޭނާގެ ނަން "ކިލަނބު" ވެގެންދާނެ އެތައް ވާހަކައެއް ފެތުރިފައި އެބަ އޮތެވެ. މި ހުރިހާ ކަމާ ގުޅޭ ގޮތުން ޖަވާބުދާރީވެވަޑައިގެންނަވަން މާދަމާ ރެއަށް އޭނާ ހުންނެވީ ތައްޔާރަށެވެ.

"ހަވާސް" ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގެ މެހެމާނަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. ދެވަނަ އެޕިސޯޑްގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމް ޕީއެންސީގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. ތިންވަނަ އެޕިސޯޑްގެ މެހޭމާނަކީ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަގުންގެހަތަރަ

    ނޫސްވެރިން އެބަޖެހޭ ކުޑަކޮށް އޮފްވެފަ ތިބޭމީހުންނާމެދު ސަމާލުވެ އެމީހުން ލައްވާ މޮޔަގޮވުން ހުޓާލަން މިކެޓަގަރީގެ ދެތިން މީހެއް މިރާއްޖޭގަ އުޅޭ

    2
    1
  2. ވަން ޑޮލަރ

    އަމިއްލަ ޚުދު މުޚުތާރު ކަމާއި ބޮޑާ ކަމާއި ދެއްކުންތެރި ކަމާއި ކިބުރުވެރިކަން ހުންނަ މި މީހާއެކީ ސިޔާސީ މައިދާނު ގައި ރައްޔިތުން ގަބޫލު ކުރާ މީހެއް ނޫން

    4
    2
  3. ސސ

    ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އިދިކޮޅެއް އެއްކޮޅެއް އޮންނާނެ ވާ ހަކައެއްނޯވޭ އަދި މަޖިލިސް ތަމްސީލް ކުރާނީ ސިޔާސީ ޕާޓީންނެކޭ ނޯނާނެ އަދި މަޖިލިސް ގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރަކު ހުންނާނެ ވާހަަކައެއްވެސް ނޯނާނެ އެއީ ބަރުލަމާނީ ނިޒާމްގައި އޮންނަ ގޮތެއް، މިތާގައި މިއޮތީ ތިންބާރުގެ ރިޔާސީ މިކުސް ނިޒާމެއް މިނިޒާމްގައި ޤައުމު ހިންގަނީ ރައްޔިތުން ގެ ސިއްރު ވޯޓުން ހޮވާ ރައީސުލް ޖުމުހޫރިއްޔާ، މަޖިލިސް ހިންގަނީ ހެދިފައިވާ ޤަވާއިދާއި އެއްގޮތަށް މަޖިލިސް ރައީސު މަޖިލިސްގައި ތިބެނީ ރައްޔިތުން ހޮވާމަންދޫބުން މަޖިލިސްގެ ރައީސު ހޮވަނީ މެމްބަރުން ގެ ސިއްރު ވޯޓުން، ޝަރުއީ ނިޒާމްގެ އިސްވެރިޔަކީ އުއްތަމަ ފަޑިޔާރު މަނިކުފާނު !

  4. ހުސޭނުބޭ

    ޢުމަރު ބަހައްޓާ ކޮމާންޑް ސެންޓަރުގައި. މަ އެބަ ދަން އުމަރު ކައިރިއަށް ހަރުގަނޑާ ހުދު ވަލަކާ ހިފައިގެން

  5. ކުރެވޭނެއޭ

    މާލެ ސިޓީ ކައުންސިލުން ވެސް ދެން ކަންކަން އޮންނަ ވަރަށް ވުރެން ބޮޑުކޮށްގެން ކަންކަން އުނދަގޫ ކުރާނެ ކަމެއް ނެތޭ މާލެ ދަފްތަރު މިހާރުން މިހާރަށް ހުޅުވާލާ އަދި މާލެ ސަރަހައްދުން 2 ހާސް އަކަފޫޓްގެ ގޯއްޗެއް ނެތް ކޮންމެ ދިވެހި ރައްޔިތަކަށް މާލެ ސަރަހައްދުން 2 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭންވީއޭ މިހާރު ފްލެޓްސް ތަކަށް އެދި ފޯރމް ލައިގެން ފްލެޓް ނުލިބުނު ކޮންމެ މީހަކަށް ހުޅުމާލޭން 2 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭން އެ ލިޔުން މާލެ ސިޓީ ކައުންސިލުން ހަވާލު ކުރަންވޒީއޭ މިކަމަކީ އެއީ މާލެ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެކޭ ކުރެވޭނެ ކަމެކޭ ކުރެވޭނެ ކަމެކޭ...

  6. ޜ

    އުމަރަކީ ގަދަ މީހެއް...އޭނާގެ ހޯމް މިނިސްޓަރު ކަމުގާ ކިތަންމެ ކަމެއް ކުރެއްވި މާލޭ ގޭނގް ހަރުގެތައް ރޫޅާލި..ޑްރަގް މީހުން މާލޭ މަގުތަކުން މަދުވި