ރައްޔިތުން މަޖިލީހުގެ މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި އަހުމަދު ފާތިހު ދޫކޮށްލައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެއްކެއް މިވަގުތު ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނިކޮށެވެ. ފާތިހު ބަންދުން ދޫކޮށްލިކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ފާތިހު ހައްޔަރު ކުރީ މެއި 20 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫންނެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންގެ ހާއްސަ ޓީމެއް އެރަށަށް ގޮސް ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ދަރަވަންދޫއަށް ގޮސް ހުރީ ކައިވެނި ކުރަން ކަމަށް ވެއެވެ. އޭނާ ހައްޔަރު ކުރިއިރު ކައިވެނި ކުރިތާ ހަފްތާއެއް ވެސް ނުވެއެވެ.

ފާތިހު މިއަދު ބަންދުން ދޫކޮށްލިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްގެ ތަހްގީގު މިހާރު ވެސް ފުލުހުން ކުރިއަށް އެބަގެންދާ ކަމަށް އެމްޑީޕީގެ މެއި-06 ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް އަފީފް ނުދެއްވައެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވާއިރު އަދި މިހާތަނަށް ފާތިހު ފިޔަވައި އިތުރު އެއްވެސް މީހަކު ބަންދުން ދޫކޮށްލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    ފަހަރަކު މީހަކު ދޫކުރަމުންގޮސް އެންދޫކޮއްލާނެ ކަމަށް ބެލެވެނީ ،

  2. އިބުރާހީމް

    ފާތިހު އެކަމުގައި ބައިވެރި ނުވާނަމަ، މަރުހަބާ. މިޒަމާނުގައި ގާނޫނު ހިނގަނީ ފިތުނައިގެ ތެރެއިން. ކަން ކުރި މީހާ މިނިވަންވެ، ކަން ނުކުރާ މީހާ މައްސަލަ ތަކުގެ ޝިކާރަ އަށްވޭ. ދިވެހިންގެ ރިވެތި އުސޫލުތަށް ހަލާކު ވަމުން ދާތީ ހިތާމަ ކުރަން.

  3. ސައުޑަލް

    ފިނިފެންމާލޯންޗް ގޮއްވާލި މައްސަލާގެ އެންމެން އެތިބީ ދޫކޮށްލާފަ. ޢެއީވެސް ޤައުމުގެ ރައީސަކު އަވަހާރަކޮށްލަން ގޮއްވާލި ބޮމެއް. އިންސާނަކަށް ވަރަށްބޮޑު އަނިޔާ ލިބުނު.