ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ނަޝީދުގެ ބަޔާނެއް ދެއްވަން އަދިވެސް ގޮތެއް ނުނިންމަވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކޮއްކޮ ނާޒިމް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުގައި ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލަން ނިންމިއިރު، ޝަރީއަތުގައި ދައުވާ ކުރިއަށް ގެންދަން ނަޝީދުގެ ބަޔާނެއް މުހިއްމު ވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް އެ ގޮތަށް އެދިވަޑައިގަތުމުން ނަޝީދުގެ ފަރާތުން ޕީޖީއަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަން އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ކޮއްކޮ ނާޒިމް ހަމަޖައްސަވާފައިވާ ކަމަށެވެ.

ނާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބަޔާން ދިނުމުގެ ކުރިން ތަހުގީގާ ގުޅުން ހުރި ބައެއް ލިޔެކިއުންތައް ބޭނުންވާނެ ކަމާއި، އެކަމާ ގުޅޭ ގޮތުން ޕީޖީއާ އެކު މަޝްވަރާ ކުރަން ޖެހޭނެ ކަމެވެ.

މިކަމާ ގުޅިގެން "ވަގުތު" އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މިއަދާ ހަމައަށް ޕީޖީގެ ޚަބަރެއް ނުވާ ކަމަށެވެ. ބަޔާން ނެގުމާއި ގުޅޭ ގޮތުން ޕީޖީން މުއާމަލާތް ފެށުމުން ނޫނީ ބަޔާން ދިނުމާއި މެދު ގޮތެއް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔާން ދިނުމާއި ގުޅޭ ގޮތުން ގޮތެއް ނިންމޭނީ ޕީޖީން ޚަބަރެއް ވުމުން، ބަޔާން ނަގަން އަދި ނުގުޅާ،" ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭނުންވަނީ ކޮން ލިޔުންތަކެއްތޯ ސުވާލު ކުރުމުން މީގެ ކުރިން ނާޒިމް ވިދާޅުވެފައި ވަނީ "އަޅުގަނޑުމެން ބޭނުން ތަފްސީލްކޮށް ހަމަލާ ރޭވި ގޮތާއި، ފަންޑު ކުރި ގޮތާއި، މި ބާވަތުގެ، ތަހުގީގާ ގުޅުން ހުރި ލިޔެކިއުންތައް،" ކަމަށެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބަހެއް އަދި ނުލިބެއެވެ.

ނަޝީދުގެ ބަޔާނެެއް ހޯދަން ފުލުހުން ވެސް މީގެ ކުރިން އެދިފައިވެއެވެ. އެކަމާ ގުޅިގެން އެމަނިކުފާނު މީގެ ކުރީން ޓްވީޓެއްވެސް ކުރެއްވިއެވެ. އެ ޓްވީޓްގައި ލިޔުއްވާފައިވަނީ އެމަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުނު ކަމަށް އެމަނިކުފާނު ވަނީ ހަރުބަހަކުން ސީޕީ ހަމީދަށާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ބަޔާން ދިފިއްޔާ ފަހުން އޮޅުވާނުލެވޭނެތީވެ. ލާދީނީ މޫވްމަންޓް އައުޓް

  2. ޢަލީ

    މިއީ އަރަތެއް. އަޅުގަނޑުމެންނަށް މީހަކު ޙަމަލާ ދިނުމުން އަޅުގަނޑުމެން ބަޔާން ދީ ހަދަމު. މީގައި މިބުނާ ގޮތަށް ހަދާނަމަ އަޅުގަނޑުމެންގެ ބަޔާންވެސް ދޭން މިޖެހެނީ ތަޙުގީގު ނިމި ކުއްވެރިވާ މީހުންގެ ބަޔާން ލިބި މައްސަލަ ތަޙުްީގުކޮށް ލިބިފައި ހުރި ހުރިހާ މަޢުލޫމާތަކާއި ހެއްކާއި ހުރިހާ ލިޔުމެއް ލިބިގެން. ދެން މިހެންވީ އިރު ކީއްކުރަން ނަގާ ބަޔާނެއް.

  3. އަހުމަދު

    ނަޝީދަސް ބަޔާންދޭންޖެހޭނެ. ނަޝީދު ވީމަ ކޮންމެހެން ތަހުގީގަށް ހޯދިފައިހުރި ހުރިހާ ލިޔުންތަކެެއް ދޭކަށް ނުޖެހޭ ބަޔާންދިނުމުގެ ކުރިއަކުން. ބަޔާން ނަގަނީ ޕީޖީއެއްނޫން. ބަޔާން ނަގާނީ ފުލުހުން. އެހެންވީމާ ޕީޖީ ހަބަރުވާންދެންނޭ ބުނެ ކޮން ސަކަރާތެެއްބާ؟ އަނިޔާލިބުނު މީހާ ބަޔާންދޭން ކީއްވެބާ ލަސްމިކުރަނީ؟؟