ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑާއި ސްޕެއިންގެ ސެވިއްޔާ ބައްދަލުކުރި މެޗު 0-0ން އެއްވަރުވިއިރު އިޓަލީގެ ރޯމާ ޔުކްރެއިންގެ ޝަކްޓަރ ޑޮނެޓްސްކް އަތުން 2-1ން ބަލިވެއްޖެއެވެ.

މެންޗެސްޓާރ ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި ސެވިއްޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ލަނޑެއް ކާމިޔާބުކުރުމުގައި ނާކާމިޔާބުވެފައެވެ. މި މެޗުގައި ސެވިއްޔާއިން ޔުނައިޓެޑުގެ ގޯލަށް މުޅިއަކު 8 ޝޮޓު ފޮނުވާލިއިރު ޔުނައިޓެޑަށް ރައްދުގައި ފޮނުވާލެވުނީ އެންމެ 2 ޝޮޓެވެ.

ސެވިއްޔާއަށް މި މެޗުގައި 12 ކޯނަރު ލިބިގެންދިޔައިރު މީގެން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލުވިޔަނުދިނުމަށްޓަކައި ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. ޔުނައިޓެޑުން މި މެޗަށް ވަރުގަދަ ފުރަތަމަ އެގާރައެއް އެރުވިއިރު އެޓީމަށް ވަނީ ސެވިއްޔާ ކައިރީގައި އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. މި މެޗުގައި ޔުނައިޓެޑުގެ ތަރި އެލެކްސިސް ސަންޗޭޒް އަދި ސެވިއްޔާގެ ސްޓީވެން އެންޒޮންޒީއަށް ވަނީ ރީނދޫ ކާދު ދެއްކިފައެވެ. މެޗަށްފަހު ފުޓުބޯޅަ ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ މޮރީނިއޯގެ ޔުނައިޓެޑަކީ އަދި ޔޫރަޕްގެ އެންމެ ވަރުގަދަ ކުލަބުތަކާއި ކުރިމަތިލެވޭ ފެންވަރުގެ ޓީމެއް ނޫންކަމަށް ސިފަކޮށްފައެވެ.

އިޓަލީގެ ރޯމާއާއި ޔުކްރެއިންގެ ޝަކްޓަރ ޑޮނެޓްސްކް ބައްދަލުކުރި މެޗު 2-1ން ޝަކްޓަރ ކާމިޔާބުކުރިއިރު މި މެޗުގައި ޝަކްޓަރގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ފަކުންޑޮ ފެރޭރާ އަދި ފްރެޑްއެވެ. ރޮމާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސެންގިޒް އަންޑާރއެވެ. ދެ ޓިމުންވެސް ރަނގަޅު ކުޅުމެއް ދައްކުވައިދިން މި މެޗުން ޝަކްޓަރއަށް ކާމިޔާބު ލިބުނީ އެޓީމަށް ލިބުނު ފުރުސަތުތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމާއިއެކުގައެވެ.

އެހެންނަމަވެސް ރޯމާއަށް ވަނީ އެޓީމުން ޝަކްޓަރގެ ގޯލާއި އަމާޒުކޮށް ފޮނުވާލި 9 ހަމަލާގެ ތެރެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރުމުގައި ނާކާމިޔާބުވެފައެވެ. ރޯމާއިން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދިއިރު ޝަކްޓަރއިންވެސް ވަނީ މި މެޗުގައި ރަނގަޅު އެޓޭކިންގް ފުޓުބޯޅައެއް ދައްކުވައިދީ ދެވަނަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށް ފަހަތުން އަރައި މޮޅެއް ހޯދައިފައެވެ. މި މެޗުގައި ޝަކްޓަރގެ ޓައިސަން އަދި ފަކުންޑޯ ފެރޭރާއަށްވެސް ރީނދޫ ކާޑު ދެއްކިގެންދިޔައިރު ރޯމާގެ ޑިއޭގޯ ޕެރޮޓީއަށްވެސް ވަނީ ރީނދޫ ކާޑެއް ދެއްކިފައެވެ.

ކިޔުންތެރިންގެ ހިޔާލު