ކޮވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުންގެންދާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރު ޑޯޒްތަކެއް ޖަޕާންގެ އެހީގައި ރާއްޖެއަށް މި މަސް ތެރޭގައި ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ގިނަބަޔަކަށް ދެމުންގެންދަނީ އެސްޓްރާޒެނަކާ ވެކްސިނެވެ. އޭގެ ތެރޭގައި ކުރިން ކޮވިޝީލްޑް ވެކްސިން ޖެހި މީހުންވެސް ހިމެނެއެވެ. އެ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ދެމުންގެންދާނީ އެސްޓްރާޒެނަކާ ވެކްސިނެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރޭގައި ހިމެނޭ، މި ވެކްސިން ޖެހޭ އުމުރު ފުރައިގެ އެންމެންނަށްވެސް ވެކްސިން ޖެހޭ ވަރަށް ރާއްޖޭގައި އެސްްޓްރާޒެނެކާ ވެކްސިން އެބަހުރި ކަމަށް ސަރުކާރުން ވިދާޅުވެފައި ވެއެވެ. އެ ވެކްސިންއަކީ ރާއްޖެއިން ސިންގަޕޫރުން ގަތް ވެކްސިނެވެ.

މިއަދު ރައީސް އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޖަޕާނުން ރާއްޖެއަށް ދޭ އެހީގެ ގޮތުގައި ފޮނުވާ އެސްޓްރާޒެނެކާ މި މަސް ތެރޭގައި ؛ލިބޭނެ ކަމަށެވެ.

މީގެ ކުރިންވެސް ބައެއް ގައުމުތަކުން ރާއްޖެއަށް އެހީގެ ގޮތުގައި ވެކްސިން ފޯރުކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާ ހިމެނެއެވެ.