ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 8،400 އަކަ މީޓަރުގެ ސަރަހައްދެއް ސާފު ކުރުމާއި ފުޓްބޯޅަ ދަނޑުގެ 2،940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރަން 4،511.70 ކިއުބިކް މީޓަރުގެ ވެލި ބަރުކުރުމާއި 460.29 އަކަ މީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި ކާނު ގަނޑަކާއި ފެން ހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.