ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ "ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރަމުން އެބަގެންދާ ކަމަށާއި އިތުރު ސަރަހައްދީ ވައިގެ ބަނދަރުތައް ވެސް ހަދަމުން ގެންދާ ކަމަށެވެ. ޓާޝަރީ ފެންވަރަށް، ފަސް ހޮސްޕިޓަލެއްވެސް އެބަ ތަރައްޤީކުރަމުންދާ ކަމަށާއި ހުރިހާ ރަށެއްގެ އިންޖީނުގެތައް، ޒަމާނީ ފެންވަރަށް އެބަ ތަރައްޤީކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، އެތައް މަސައްކަތްތަކެއް، އެތައް ޕްރޮގްރާމްތަކެއް ރާއްޖޭގެ ކަންކޮޅުތަކުގައި އެބަ ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ.

މިއިން ކޮންމެ މަޝްރޫޢެއް ނިމޭއިރު، ރަށްރަށުގައި އެ އުފެދެނީ އެތައް ވަޒީފާތަކެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާނެ ކަމަށެވެ.

"މިއަދު މި އިފްތިތާޙުކުރި މާސްޓަރ ޕްލޭންގެ މައިގަނޑު އަމާޒަކީ، މި ދެންނެވި ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން. އޭރުން، ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެ. ޚާއްޞަކޮށް، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަވެ، ރާއްޖޭގެ ތަރައްޤީގައި ދެޖިންސުގެ ޒުވާނުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަންނީ މަސައްކަތްތަކަށް ވަރަށް ހުޝިޔާރު އަދި ވަރަށް ހުނަރުވެރި ދިވެހި ޒުވާނުން، ރާއްޖޭގައި ގިނަ ޢަދަދަކަށް އެބަތިބި ކަމަށެވެ. އެ ޒުވާނުންނަށް ބޭނުންވަނީ، އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްޤީކޮށް، ޙަޔާތުގެ ޢަމަލީ މައިދާނުގައި، އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި މި މާސްޓަރ ޕްލޭންގެ ޙަޤީޤީ މަޤްޞަދަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ފުރުޞަތުތައް، ދެ ޖިންސުގެ ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުން، އެކަމުގެ ޙަޤީޤީ މަންފާ ފެންނަން ފަށާނީ، އެ ޒުވާނުން ނިސްބަތްވާ ޢާއިލާތަކުން. އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުގެ ދާއިރާތަކުން އާމްދަނީ ހޯދޭނެ މަގުފަހިވުމުން، ޢާއިލީ ފުދުންތެރިކަން އިތުރުވެ، އުފާވެރި ދިރިއުޅުމަކަށް މަގު ފަހިވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

މިއަދު މި އިފްތިތާޙު ކުރެވުނު މާސްޓަރ ޕްލޭންގެ ސަބަބުން، ހުނަރުވެރި މަސައްކަތްތަކުގެ ދާއިރާތައް ގިންތިތަކަކަށްވެސް ބަހައިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނިޒާމު އިތުރަށް ހަރުދަނާވެ، ހުނަރުގެ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ އަދި ޝައުގުވެރިވާ ދާއިރާއަކަށްވެސް ވެގެންދާނެ ކަމަށާއި އަދި ހުނަރުގެ މަސައްކަތްތެރިކަމަކީ ދިވެހީން ފަޚުރުވެރިވާ މަސައްކަތްތަކަކަށްވެސް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދަނު

    މަޝްރޫޢެއް ހިގާނަމަ އޭގެ 80 ޕަސެންޓް މަޝްރޫޢަކީ ޔާމީންގެ ވެރިކަމުގައި ފަށާ މި ސަރުކާރުން ހުއްޓުވާ އަލުން ފެށި ، ނުވަތަ ޔާމީން ސަރުކާރުން ފަށަން ތައްޔާރުވެ ބަޖެޓް ވަކިކޮށްފައިވާ މަޝްރޫޢެކެވެ. މި ސަރުކަރުން ބަޖެޓް ހޯދައިގެން އަލަށް ފެށި މަޝްރޫޢެއް ހަމަ ވަރަށް މަދެވެ. މިސާލަކަށް ނައިފަރު ހައުސިންޔުނިޓް ، ފާޚާނާ ފެން ، ކުލާސްރޫމު މި ހުރިހާކަމަކީ ޔާމީން ފަށާފައިހުރި މިސަރުކާރުން ހުއްޓުވާ އަލުން ފެށި ކަންތަކެވެ.

  2. ދީދީ

    ގާ ފުރޮޅާ ޕްރޮޖެކްޓްސް ... ކޮށްމެ ގަލެއް ފުރޮޅާލީމަ އެއީ އެއް ޕްރޮޖެކްޓް

  3. ކާސިމް

    ވަރަށް ގިނަ ރަށް ރަށު ގައި ބޮޑެތި މަސައްކަތް ފެށިފައި ވީނަމަވެސް މަސައްކަތް ކުރިޔަކަށް ނުދޭ

  4. ކުރަބީ3

    ކޮމްމެ ވެރިއަކު ވެރިކަމައް އެރިޔަސް ތިރައއްގީހޯދަން މަސައްގަތް ކުރާނެ. މިބުނީ މަނިކުފާނު 2023 ހޮވަން ރައްތުން ބޭނުމެއްނޫން. ތީރައްޔިތުން ބޭނުން ވާކަހަލަ ސިފަޔެއް ހުރިމީހެއްނޫން. އެންމެ ކުޑަވެގެން ކައިރި ހުރި ދޯސްތް ނަގާ އެއްލާލާފާ ތިއުޅެނީ 2023 ހޯދަން %5 ވެސް ނުލިބޭނެ. ރައްޔިތުން ބޭނުމެއްނޫން ތިކަހަލަ މީހެއް،، ހޯހޯ

  5. ހުސޭނުބޭ

    ޔާމީނު ބަޖެޠްކޮށް ފަށާފައިހުރި ގިނަ ކަންކަން އަދިވެސް ހިނގަނީ!

  6. ޢަހ

    ކޮން ރަށެއް ކަމާއި ހިންގާ ޕްރޮޖެކްޓު ބުނަން ނުކެރޭ އިރު މިއަނގަ އެއވެސް ތަޅަން އެބަ ޖެހޭ. ނުހިނގާ އެއްވެސް ކަމެއް. ކަލެޔަކީ ދޮގުވެރި ކައްޒާބެއް

  7. އާދަންބެ

    އެމް.ޓީ.ސީ.ސީ އޮވެފަ ރައްޔިތުން ޓެކްސް ދައްކަންޏާ ވެރިކަމުގަ މީހަކު ނެތަސް ތިކަން ހިނގަމުންދާނެ. މި ހުރިހާ ޒަމާނެއްގައިވެސް އެކަން ހިނގަނީ އެހެން. ކޮންމެސް އާ ފައިދާ ހުރިކަމެއް ކޮށްފަ ވާހަކަ ދައްކަބަ.