ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާއިން 30 ސްކޮލާޝިޕް ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިގްތިސޯދީ ގޮތުންނާއި، އިޖުތިމާއި ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުއި ކަމަށެވެ.

އޭގެ ތެރެއިންވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ހާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ދާއިރާއިން މީހުން ބިނާ ކުރަން ނިންމާފައިވާކަން ހާމަކޮށް ރައީސް ވިދާޅުވީ، މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕްގެ ފުރުސަތު ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ.

"މީހުން ބިނާކުރުމާއި، ތަޢުލީމާ ގުޅޭ މިފަދަ ޕްރޮގްރާމްތައް ހުއްޓާނުލައި، އިރާދަކުރެއްވިއްޔާ، އަދިވެސް ކުރިއަށް ގެންދަން އަޅުގަނޑު ގަސްދުކުރަން. ދަރިންނަށް ރަނގަޅު ތަޢުލީމުދީ، މީހުން ބިނާކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން މިކުރާ މަސައްކަތުގެ ނަތީޖާ މިއަދު ނުފެނިދާނެ. ނަމަވެސް މިއަދު މިކުރާ ގޮވާމުގެ ފޮނިމީރުކަން، މާދަމާގެ ދިވެހި މުޖުތަމަޢުން ފެންނާނެކަން ޔަޤީން". ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު