އަންހެން މުވައްޒަފުންތަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެެވެ.

އެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:00ގައެވެ.މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު މި ޝަރީއަތުގައި ބައިވެރިވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ. މީގެ ކުރިން އޭނާ ޝަރީއަތުގައި ބައިވެރިވެފައި ވަނީ އޮންލައިންކޮށެވެ.

އެހެން ނަމަވެސްް އިނގިރޭސިވިލާތުގައި އަލީ ވަހީދު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވީނަމަވެސް، ކަމާއި ގުޅުން ހުރި އިދާރާތަކަށް އެކަން ނޭނގޭ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ކަމުގެ ހުއްދަ ދިނުމުންނެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

ޖާމިނުވެފައިވާ އެއްބަސްވުން ހަމަވި ފަހުން ދެން ކޯޓުން އެ މައްސަލަ ގެންދަން ނިންމެވީ އޮންލައިންކޮށް އަލީ ވަހީދު ޝަރީއަތުގައި ބައިވެރިކުރާ ގޮތަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔައީއެވެ.

ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރު ވާން އެންގީ އޮންލައިން ޝަރީއަތް ގެންދަން ދަށު ކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުމަކަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.