ވިޔަފާރިކުރަން ރާއްޖެ އަންނަ ބިދޭސީންނަށް ދޫކުރާ ބިޒްނަސް ވިސާއަށް އިމިގްރޭޝަން ކައުންޓަރުގައި އެދެވޭ އުސޫލު ބަދަލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި "ބިޒްނަސް ވިސާއާއި ބެހޭ ގަވައިދު" ބުނާ ގޮތުން ނަމަ މީގެ ކުރިން އިމިގްރޭޝަންގެ ކައުންޓަރުތަކުގެ ދެމުން އައި ބިޒްނަސް ވިސާ އެޕްލިކޭޝަން ފޯމު މިއަދުން ފެށިގެން ބަލައިގަންނާނީ ހަމައެކަނި ބިޒްނަސް ޕޯޓަލްއިންނެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލާއަށް ވިސާ ދޫކުރެވެނީ، ބިޒްނަސް ވިސާއަށް އެދި ހުށަހަޅާ މީހުންނަށް ވިސާ ދޭން ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުންނެވެ.

"ރަގިސްޓްރާ އޮފް ބިޒްނަސަސް ދޫކުރާ ހުއްދައިގެ މައްޗަށް ބިނާކޮށް، މި ގަވައިދުގެ ދަށުން އިތުރު ޝަރުތަކާ ނުލައި ބިޒްނަސް ވިސާ ދޫކުރުމާއި އެވިސާގެ މުއްދަތު އިތުރު ކުރުމާއި ވިސާ ބާތިލު ކުރުމުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒު ކުރާނީ، މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންޓްރޯލާ އޮފް އިމިގްރޭޝަން" ގަވައިދުގައި ބުނެފައިވެއެވެ.

އެ ގަވައިދު އެގޮތަށް ބަދަލު ކޮށްފައިވަނީ ކުރިން އޮންނަ އުސޫލު ފަސޭހަވެފައި ގިނަ ބަޔަކު ބިޒްނަސް ވިސާއަށް އެދޭތީއެވެ. އެގޮތުން ބައެއް ފަރާތްތަކުން އޮޅުވާލައިގެން ވެސް ވިސާ ހޯދާކަން މީގެ ކުރިން އިމިގްރޭޝަންގެ ކޮންޓްރޯލާ ވަނީ ފާހަގަ ކޮށްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ވާކް ވިސާގައި އެތެރެވުމުގެ ބަދަލުގައި ބިޒްނަސް ވިސާއަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ، ވާކް ވިސާއަށް ވުރެ ފަސޭހައިން ބިޒްނަސް ވިސާ ލިބޭތީ ގިނަ ބަޔަކު އެކަމުގައި އޮޅުވާލަން މަސައްކަތްކުރާ ކަމަށެވެ.

ބިޒްނަސް ވިސާއަކީ ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ނޫން އެހެން ބިދޭސީންނަށް ދޫކުރާ ވިސާއެކެވެ. މި ވިސާގައި ރާއްޖޭގައި އުޅެވޭނީ ކޮންމަ މީލާދީ އަހަރެއްގެ ތެރޭގައި ގިނަވެގެން ތިން މަސް ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ރާއްޖޭގެ ބޯޑާރ ކޮންޓުރޯލް ސިސްޓަމް ހަރުދަނާ ކުރަން އެބަޖެހޭ ވޯކްގެ ނަމުގައި އައިސް ހިޖުރަ މިކުރަނީ ހިޖުރަ ވެރިންގެ ގޮތުގައި ބޮޑު އާބާދީއެއް އެބައުޅޭ ނުޤަ ވާއިދުން !