ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްސަލާގައި ދެ ގޮތަކަށް ޝަކުވާ ބަލާ ކޮމިޓީން ނިންމި ނަމަވެސް އޭގައި ތަފާތު ކުރުމުގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް މަހްލޫފް ކުރިމަތިލެއްވިއެވެ. އަދި އަކްރަމް ވާދަކުރައްވަނީ މިހާރު ވެސް އޭނާ ގައުމީ މަޖިލީހުގައި ތަމްސީލް ކުރައްވާ މާލެ ދާއިރާގެ ރައީސް ކަމަށެވެ.
މި ދެ ބޭފުޅުންގެ ނަން ވެސް އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓުގައި ހިމެނެއެވެ.
މިއާއެކު އެމްޑީޕީގެ އިންތިޚާބީ ކޮމިޓީން ނިންމީ މި ދެ ބޭފުޅުންނަށް ވެސް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ދެ ބޭފުޅުންގެ ފަރާތުން ވެސް ޝަކުވާ ބަލާ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ އަކުރަމަށް ވާދަކުރެއްވޭނެ ކަމަށެވެ.
އެކަމަކު މަހްލޫފްއަށް ވާދަނުކުރެވޭނެ ކަމަށް އެ ކޮމިޓީން ނިންމުމުން އޭނާއާ މެދު އަމަލު ކުރަމުން ދަނީ ތަފާތު ގޮތަކަށް ކަމަށް ސިފަކުރައްވާފައިވެއެވެ. އަދި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅުއްވުން ޖަވާބު ލިބިވަޑައިނުގެން އިލެކްޝަންސް ކޮމިޝަނަށް ވެސް މައްސަލަ ހުށަހަޅާފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޝަކުވާ ބަލާ ކޮމިޓީން ދެ ބޭފުޅުންނާ މެދުގައި ވެސް ނިންމާފައިވަނީ ދެ ގޮތަކަށް ވި ނަމަވެސް ގޮތް ނިންމުމުގައި އަމަލުކޮށްފައިވަނީ އެއް ގޮތަކަށް ކަމަށެވެ.
މި ގޮތުން މައްސަލައެއް އޮތްތޯ މުއައްސަސާތަކުން ސާފު ކުރިކަން ހަސަން ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި އެސެޓް ރެކަވަރީ ކޮމިޝަނާއި، މަރުތައް ބަލާ ކޮމިޝަނާއި، ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަންއާއި، ޕްރޮސެކިއުޓާ ޖެނެރަލް ހިމެނެއެވެ.
"ޝަކުވާ ކޮމިޓީން ވެސް މައްސަލަ ބެލިއިރު ނިންމާފައި އޮންނާނެ މި ދެންނެވި މުއައްސަސާތައް ނިންމި ނިންމުން ބަލާފައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެ މައްސަލަތައް ނެތް ކަމަށް އެ ކަން ނެތް ކަން ފާހަގަ ކުރުމުން ނިންމާ ކަމެއް ނިންމަނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމެނޭ ފަރާތްތައް ހިމެނޭ ގޮތަށް ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ ފަރާތަކަށް ނުވުމުގެ ޝަރުތު އިތުރުކޮށްފައި ވަނީ އެމްޑީޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
Mahloof Ai Akram Ah MDP Ge Etherey Ge Inthihaabu Gai Vaadha Kureveyne Tha?https://t.co/H3BM2x39zE
— Vaguthu Online (@VaguthuOnline) May 13, 2021
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ފަހުން އެ އޮފީހުގައި މައްސަލަ ބާއްވައިގެން އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އެކަމާ މެދު މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވާއިރު، އޭނާ ވަނީ މައްސަލަ ޝަރީއަތަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން ވާނެ" ވާހަކަތައް ވެސް އޭނާގެ އަތުގައި އޮންނެވި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަހްލޫފްއާ ދެކޮޅަށް ލަންކާ މީހެއްގެ ބަޔާން ލަންކާ އެމްބަސީ މެދުވެރިކޮށް ނަގާފައިވަނީ ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ކަން ފާހަގަ ކުރައްވައި މަހްލޫފް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްއަށް ސިޓީއެއް ފޮނުވައިފައެވެ.
އެއާއެކު އެކަން ބެލުމަށް ފަހު ރައީސް އޮފީޙުން ވެސް ރިޔާސީ ކޮމިޝަނަށް އަންގާފައިވަނީ އެ ބަޔާން ނަގާފައިވަނީ ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށެވެ. މި ގޮތުން ބޭރު ގައުމުން ބަޔާން ނެގުމަށް ބޭނުންވާ މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވާފައި ނުވާ ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
މި ހަސަން ލަތީފު މަހުލޫފު ބޭރުކުރަން މަސައްކަތް ކުރަނީ