ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، އިސްލާމް މާއްދާ ކިޔަވައި ދޭނެ ބޭރު ޓީޗަރުން ގެނައުމުގެ މަސައްކަތް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެ ވިސްނުން ހާމަ ކުރެއްވީ، ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގައި އެކުލަވާލާފައިވާ "މެއި ހައެއް" ކޮމިޓީންނެވެ. އެ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެކުލަވާލި ކޮމިޓީއެކެވެ.

އެ ކޮމިޓީގެ މެންބަރުން ގެންދަވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. ޚާއްސަކޮށް ހަރުކަށި ފިކުރު ހުއްޓުވަން ކުރަމުންދާ ކަންކަން ސާފު ކުރަން އެކި މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައިވެއެވެ.

"މެއި ހައެއް" ކޮމިޓީގެ މުގައްރިރު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އާލީ ޚިއްސާ ކުރެއްވި ވިސްނުމަކީ އިސްލާމް މާއްދާގެ މަންހަޖަށް ބަދަލުތަކެއް ގެނައުމާއި އެ މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކުރެއްވި ޓްވީޓްތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ އެ ގޮތަށް އަމަލު ކުރުމުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުމެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުން ގެންނަ ޓީޗަރަކީ ހަރުކަށި ފިކުރުގެ މީހެއް ނޫން ކަން ކަށަވަރު ކުރަން މާ ދަތިވާނެ ކަމަށެވެ. ބަހުރުވަ ތަފާތުވުމުން އިސްލާމީ ތަރުބިއްޔަތު ނުދެވިދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަތި ފިޔަވަޅަކަށް ވެދާނެ، ކުދިން ތަރުބިއްޔަތު ނުކުރެވިދާނެ، ބަހުރުވައަކީ ވެސް މައްސަލައަކަށް ވެދާނެ، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ގެއްލޭނެ،" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މި ކަމުގައި ކަންބޮޑުވުން ފާޅު ކުރައްވައި ލިޔުއްވާފައިވަނީ ޒަމާނީ ވުމަކީ ހުރިހާ ކަމެއް ފުރޮޅާލުން ނޫން ކަމަށާއި މިކަމުގައި ސަރުކާރުގެ އޮތީ "ނުރައްކާތެރި އެޖެންޑާ" އެއް ކަމަށެވެ.

"އިސްލާމް ފޮތް ބަދަލުކޮށް ބޭރު މީހުން ގެންނަން ޖެހުނީ ކޮން ކަމެއް ބަދަލުވެގެން؟ ނަފުރަތު ކަމަށް ބަޔަކު ބުނުން އެއީ ހުއްޖަތް؟ ޕާޓީގެ ވިސްނުމަކީ ރައްޔިތުންްގެ ބޭނުން ގޮތް ކަން އެނގެނީ ކިހިނެއް؟" ޖަމީލް ލިޔުއްވާފައިވެއެވެ.

ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު ފުރުއްވާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް މުގައްރިރަށް ބަދަލެއް ގެންނަން ޖެހުނަސް އެ ބަދަލުތައް ދިވެހި ރައްޔިތުންނަށް ވަރަށް ތަފްސީލްކޮށް ސާފު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ބޭރުން އިސްލާމް ޓީޗަރުން ގެންނަ ވާހަކައިގެ ޚަބަރެއް ޚިއްސާ ކުރައްވާފައި ޝަހީމް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، "ކުއްލިއަކަށް ހަނދާން ވަނީ މުސްލިމު ރަށެއްގައި ބަންގި ގޮވަން ޔަހޫދީ މުދިމުގެ ވާހަކަ" ކަމަށެވެ. އޭނާ ބަންގި ގޮވާއިރު، ބަދަލުތަކެއް ހުރި ކަން ފާހަގަ ކުރައްވައި ޝަހީމް ލިޔުއްވާފައިވަނީ "މި ރަށު މީހުން ހެކިވޭ މުހައްމަދުގެ ފާނަކީ ﷲގެ ރަސޫލާ" މިހެންނެވެ.

ބޭރުން އިސްލާމް ޓީޗަރުން ގެންނަ ވާހަކައާ ގުޅިގެން ދިވެހި އިސްލާމް ޓީޗަރުންނާއި އިސްލާމް މާއްދާއިން މަތީ ތައުލީމް ހާސިލް ކުރަމުން ގެންދާ ދިވެހި ދަރިވަރުން ވެސް މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން އެބަދެއެވެ.

އިސްލާމް މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ގެންނަ ވާހަކަ ދެކެވުނުއިރު، މީގެ ކުރިން ވަނީ ޤުރްއާން މާއްދާ ކިޔަވައިދޭން އިންޑިއާ ޓީޗަރުން ގެނެސްފައެވެ. މިކަމާ ގުޅިގެން ވެސް މިފަދަ މާއްދާތަކުން މަތީ ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފައިވެއެވެ.

ހަރުކަށި ފިކުރު އަދި ލާދީނިއްޔަތުގެ ވިސްނުމެއް ރާއްޖޭގައި ފެތުރެމުންދާއިރު، ބައެއް ބޮޑެތި މަރުތަކުގެ ފަހަތުގައި ވެސް މި ކަންކަން ހިމެނޭ ކަމަށް ތަހުގީގީ އިދާރާތަކުން ފާހަގަ ކުރެއެވެ.

މި ގޮތުން ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ބަޔެއް ކަމަށް ބުނެއެވެ. ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ ވެސް ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    އައްސައިޚް ޔާމީން އަކީ އިސްލާމްޓީޗަރެއް.. ޓިނު އަދުރޭ އަކީ ހިސާބް އިލްމްގެ ޕްރޮފެސަރ.. ކަލެއެަކީ ކަނޑުކޮހެއް.

    3
    4
  2. ހުސެން

    އަޅުގަނޑުގެ ދަރީން އިސްލާމް ގަޑީގަ ބޭރަށް ދާން އަންގައިފިން . އެމްޑީޕީ ފިކުރަށް ސަލާމް.

    3
    1