ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަންނަން ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ތަކެތި ލިބިފައި ނުވުމުން އެއަށްވާ ފައިސާ، 31 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ސަރުކާރުން އަންގައިފިއެވެ.

އެ ފައިސާ ދައްކަން ސަރުކާރުން އަންގާފައި ވަނީ ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެގްޒެކިއުޓާސް އަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ސިޓީ ފޮނުވައި އެކަން ނިންމަން 30 ދުވަހުގެ މުހުލަތެއް ދީފައިވާ އިރު މާދަމާ އެ މުއްދަތު ހަމަވާނެއެވެ. އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެ ނަމަ ކަމަށްވެއެވެ.

ސަރުކާރުން ވަނީ ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން ބާތިލްކުރުމަށް މިިދިޔަ މެއި ދެވަނަ ދުވަހު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ނޯޓިސް ފޮނުވައިފައެވެ. އެޓާނީ ޖެނަރަލް (އޭޖީ) ގެ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެޑްވާންސް ޕޭމަންޓް ނިންމާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުންޏަސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ނުލިބޭތީ އެއްބަސްވުން ބާތިލް ކުރަން ބޭނުންވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ ދެމެދު އެއްބަސްވި އިރު، އެ ކުންފުންޏާ ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. އެކަމަކު، މިހާތަނަށް ރާއްޖެ ގެނެވުނީ އެންމެ 15 ވެންޓިލޭޓަރެވެ. އަދި 65 ވެންޓިލޭޓަރު ނުލިބެއެވެ.

މި މައްސަލަ ފުރަތަމަ ތަހުގީގުކުރުމަށް ފަހު އެކަން ހިނގި އިރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީން އަބްދުﷲ އާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަލުން އަނބުރާ ފޮނުވާލުމަށް ޕީޖީ އިން ވަނީ ނިންމަވާފައެވެ.
.
މި މައްސަލަ އާއި ގުޅިގެން އޭސީސީން ވިދާޅުވަމުން ގެންދެވީ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ ވަރަށް ހެކި ކުރި ކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ. ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހުން އެ އޮފީހުގެ ނިންމުން ރިވިއު ކުރަން ނިންމި ނަމަވެސް އެ ދެ ފަހަރު ވެސް ޕީޖީން ނިންމީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށެވެ. ޕީޖީ އިން ވަނީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން އޭސީސީއަށް އަންގާފައެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ ތަހުގީގު ލަސްވެފައި ވާއިރު ދައުވާ ނުއުފުލަން ޕީޖީ އޮފީހުން ނިންމާތީ އާއްމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.