ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޑީއާރުޕީގެ ލީޑަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ފައިސާ ނެގި ކަމަށް ވިދާޅުވެ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ޚިޔާލީ ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ޖާބިރު ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މެދުވެރިކޮށް ގާސިމް އަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށާއި އެ ފައިސާ އާ މެދު ގާސިމް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައި ފުލުހަށް މައްސަލަ އެއް ހުށަހަޅުއްވާފައެވެ. ފުލުހުންނަށް ފޮނުއްވި ސިޓީގައި ޖާބިރު ވަނީ އެ ފަސް މިލިއަން ރުފިޔާގެ މައްސަލަ ހިމެނޭހެން ހިޔާނާތުގެ ތިން މައްސަލައެއް ގާސިމް އާއި ދެކޮޅަށް ބަލާދިނުމަށް އެދިލައްވާފައެވެ.

އެކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ގާބިރު އާއި އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރައްވާފައިވާނެ ކަމަށާއި އެއީ ސައްހަ މުއާމަލާތްތައް ކަމަށެވެ. އެހެންނަމަވެސް ޖާބިރު އަށް ދޭން ޖެހޭ އެއްވެސް ފައިސާ އެއް ނުދީ ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ޖާބިރުގެ އަމިއްލަ ހިޔާލީ ވާހަކަ. އަޅުގަނޑު ޖާބިރަށް ދޭން ޖެހޭ ފައިސާ އެއް ނުދީ ނޯންނާނެ." އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އި ގުޅޭގޮތުން ޖާބިރު "ވަގުތު"އަށް ވިދާޅުވީ ގާސިމް އަށް ފަސް މިލިއަން ރުފިޔާ ދެއްވާފައި ވަނީ 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން ސިޔާސީ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި ރައީސް ސޯލިހު އާއި 13 މިލިއަން ރުފިޔާ ހަވާލު ކުރެއްވި ކަމަށާއި އޭގެ ތެރެއިން ސިޔާސީ މަސައްކަތަށް ފަސް މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ގާސިމް ވިދާޅުވުމުން، އެ ފައިސާ ގާސިމް އިބްރާހީމްއާ ޙަވާލު ކުރެއްވީ ހުދު ރައީސް ސޯލިހު މެދުވެރިވެގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފައިސާ ގާސިމް އަށް ދިނުމަށް އެއްބަސްވީ ސިޔާސީ ގޮތުން ގާސިމް އަށް ލިބޭ ފައިދާ ޖާބިރު އަށް ވެސް ހޯދާ ދިނުމަށް ޝަރުތުކޮށް ކަމަށް ޖާބިރު ވިދާޅުވިއެވެ. ގާސިމް ޖާބިރަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ދެލައްކަ ޑޮލަރުގެ ފައިސާ ދިވެހި ރުފިޔާ އިން އަދާ ކުރުމަށްފަހު، ބާކީ ތިން ލައްކަ މެރިކާ ޑޮލަރުގެ ފައިސާ ދޭން ބަހަނާ ދެއްކި ކަމަށް ޖާބިރު ވިދާޅުވެއެވެ.

ޖާބިރު ވަނީ އެ ތިން މައްސަލައިގެ ތަހްގީގު އެއްފަހަރާ ކުރިއަށް ގެންގޮސް އެ މައްސަލަ އާ ގުޅިގެން އެމަނިކުފާނަށް ލިބެންޖެހޭ އެންމެހާ ހައްގުތައް ލިބޭނެ ގޮތަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު