އެމްޑަބްލިޔުއެސްސީގެ މިދިޔަ އަހަރުގެ ސާފު ފައިދާ 5% އިތުރުވެފައިވާކަން ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ވަނީ އަހަރީ އާންމު ބައްދަލުވުން ބާއްވައިފައެވެ. އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އަހަރީ އާންމު ބައްދަލުވުމުގައި ފާހަގަކުރައްވާފައިވާގޮތުގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވި ތަފާތު އެކިއެކި ގޮންޖެހުންތަކާއި އެކުގައިވެސް، މިދިޔަ އަހަރަކީވެސް އެ ކުންފުންޏަށް ކާމިޔާބު އަހަރެކެވެ. އަދި 2019 ވަނަ އަހަރާ އާޅާބަލާއިރު ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި ފަސް އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ކޮވިޑާއެކުވެސް މިދިޔަ އަހަރު އެ ކުންފުނީގެ ހިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"މި ކާމިޔާބީ އާއި ކުރިއެރުން ހާސިލް ކުރެވިފައިވަނީ، ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގަޔާއި އަދި ޚަރަދު ކުޑަކުރުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އަދި ކުންފުނީގެ އެންމެ މުހިއްމު ރައުސްލްމާލު ކަމުގައިވާ މުވައްޒަފުންގެ ބުރަ މަސައްކަތުން. ކޮވިޑްގެ އުނދަގޫ ތަހައްމަލު ކުރަމުންވެސް، ކުންފުނީގެ މުވައްޒަފުން ވަނީ މަޑުޖެހުމެއްނެތި ހީވާގި ކަމާއެކު މަސައްކަތްކުރައްވައި އާއްމު ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދީފައި". އެ ކުންފުނިން ހާމަކޮށްފައިވެއެެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ކުންފުނީގެ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ރޭވިފައިވާކަމަށެވެ.

އަދި ކުންފުނިން ދެމުންގެންދާ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށްޓަކައި، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒް ކުރެވި، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމް ކުރެވިފައިވާކަމަށާއި، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމާއި މާލެ އާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅާލުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް ކުންފުނިން ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެެވެ.

"މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީގެ ބައިވެރިވުން އެކުލެވިގެން ވާކަމީ ކުންފުނިން އުފަލާއެކު ފާހަގަކުރާކަމެއް". އެ ކުންފުނިން ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި އެމްޑަބްލިޔުއެސްސީން ހިމެނޭއިރު، އެ ކުންފުނިން ވަނީ ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް އެކުންފުނިން މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛސހ

    ފައިދާ އިތުރުވާނެ ދޯ ކޮންމެ މަހަކު މަޑު މަޑުން ބިލުތައް މައްޗަށް ޖެއްސީމަ. ރައްޔިތުންގެ މައިބަދައިން ދިޔަފެލާގެން ގައުމު ހިނގަނީ.

  2. ކޮރަލް

    ކޮރަޕްޝަން ވެސް އިތުރު ވާނެ އެވެ. ބަލާލަ ބަލާށެވެ.