ގދ. ތިނަދޫ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވި އެ މީހާއެކު ތިނަދޫން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެެވެ. މީގެ ދެ ހަފްތާ ކުރިންވެސް ތިނަދޫން ކޮވިޑްގައި މީހަކު ވަނީ ނިޔާވެފައެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، މިއަދު ހަވީރު 4:52 ހާއިރު އެރަށު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

އެރަށުގައި މިހާރުވެސް ކޮވިޑަށް ފައްސިވެފައިވާ މީހުން އެބަތިއްބެވެ. ނަމަވެސް މިހާރު އެރަށް އޮތީ މޮނީޓަރިންގ ހާލަތުގައެއް ނޫނެވެ.

އެރަށު ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރެއާއި ހަމައަށް އެރަށުން 990 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ބަލިން ފަސޭހަ ނުވާ 15 މީހަކު އެބަ އުޅެއެވެ.

ތިނަދޫން ކޮވިޑްގައި މީހަކު ނިޔާވުމާއެކު، މިހާރު މުޅި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 228 އަށް އަރާފައެެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 83162އެވެ. އޭގެތެރެއިން 81090 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު