އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެދުވަހު ޒަހަމްވި މީހާއަށް ބޮޑެތި ޒަހަމްތަކެއް ދީފައި ހުރުމުން މަންޒަރުދުއް މީހުން ސިފަކުރި ގޮތުގައި ޒަހަމްވި މީހާ އޮތީ "ކޮށާލާފައެވެ."

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކެވެ. މީގެ އިރުކޮޅެއް ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ހުކުރު ދުވަހު ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަހަމްވީ 29 އަހަރުގެ ޒުވާނެކެވެ. އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ. ޒުވާނާގެ ބޮލަށާއި ގައިގެ އެހެން ތަންތަނަށް ވެސް ވަނީ ޒަހަމްތަކެއް ލިބިފައި ކަމަށް ހޮސްޕިޓަލުން ކުރިން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ފްލެޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހު މެންދުރު 12:08 އެހާކަންހާއިރު އެވެ.

އޭނާ ދިރިއުޅެމުން އަންނަ ފްލެޓްގެ ދޮރުމަތި ހިމެނޭހެން ފްލެޓް ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭހުއްޓެވެ.

މި މާރާމާރީގެ މައުލޫމާތު އެނގޭ އިތުރު މީހަކު "ވަގުތު" އަށް ބުނީ، ޒުވާނާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ގްރޫޕަކުން ނޫން ކަމަށާއި އެންމެ މީހަކު ވެގެން ކަމަށެވެ.

ޒުވާނާ އަށް ހަމަލާ ދިނުމުން ޒަހަމްވި ޒުވާނާގެ އިތުރުން އެމަންޒަރު ފެނުނު މީހަކު ވެސް އަނބުރައިގަނެގެން ވެއްޓުނެވެ.