އިންޑިއާގެ ޕޫނާގައި ކުރިއަށް ދިޔަ ތަމްރީނެއް ފުރިހަމަ ކުރަނިކޮށް ނިޔާވި ދިވެހި ސިފައިނެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްޠާންގެ ޕޯސްޓްމޯޓަމް ހަދާފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އިދަރާތަކުން ކުރިން ބުނެފައި ވަނީ، އެ މަރުގެ ތަހްގީގުތައް ފަށާފައިވާ ކަމަށެވެ.

ސުލްޠާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) ގައެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްޠާން ނިޔާވީ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ ދުވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އޭނާގެ މަރުގެ ތަހުގީގު ކުރުމަށް ކުރިން ނިންމާފައި އޮތީ ޕޯސްޓްމޯޓަމް ހެދުމަށެވެ. އެގޮތުން އެކަޑަމީގެ ބަޔާނުގައި ބުނީ ސުލްޠާންގެ މަރުގެ ތަހްގީގު ކުރިއަށް ގެންދަން ކޯޓް އޮފް އިންކްއަރީން ވެސް މިހާރު އަންގާފައިވާ ކަމަށެވެ. "ކެޑޭޓްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. އޭނާ ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ." އެންޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް މިއަދު އެމްއެންޑީއެފް އިން ވިދާޅުވީ، ސުލްތާންގެ ޕޯސްޓްމޯޓަމް ހަދާފައިނުވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދާފައި ނުވަނީ އާއިލާގެ އެދުމުގެ މަތިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސުލްތާންގެ ހަށިގަނޑު މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ. އޭނާ ވަޅުލުމުގެ ކަންކަން އޮތީ މިއަދު މަޣްރިބް ނަމާދަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮމެންޓު

    އާއިލާއިން ނިންމީ ރަނގަޅު ނިންމުމެއް. އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވާންދޭ!