ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑުއެހުމާއި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން މޮނީޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތައް ފުލުހުން ހަދާފައިވާ ގަވައިދުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.

ސައީދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ ތަޙުޤީޤުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ތަޢާރަޒު ވާކަމަށެވެ.

މި ޤަވައިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭތީއާއި، ފަރުދުންގެ އަމިއްލަ ހުރިހާ ޙަރަކާތްތައްބަލާ ޗެކްކޮށް ފާރަލުމާއި، ކެމެރާއާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދާ އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތުލިބޭފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ޙައްޤަށް އަރައިގަތުންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޤާނޫނު އަސާސީން ލިބިދޭ އެއްވެސް ޙައްޤެއް ޤާނޫނަކުންވިޔަސް އަދި ޤަވައިދަކުންވިޔަސް ނިގުޅައި ނުގަނެވޭނެތީއާއި އަދި ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭގޮތަށް ޤާނޫނުއަސާސީ މާނަވެސް ނުކުރެވޭނެކަމަށް ކަނޑައެޅިގެން ބަޔާންކުރެވިފައިވާތީ، ތަޙުޤީޤުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ، މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކަމަށެވެ.

ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު ބުނާގޮތުން ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމާއި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވެސް ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް އޮންނާނެ އެވެ.

މީގެ އިތުރުން ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ބާރުތައް ފުލުހުންނަށް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ މީހުންކައިރިއަށް ވަންނަންހިތުން ހެދި ޤަވާއިދެއް!

    4
    1
  2. އަބްދޫ

    ރައްޔިތުން އިލްޒާމް އުފުލަންޖެހޭ އެއްވެސް ކަމެއް މަޖިލީހުގެ ތަޅުމުގަ ގާނޫނޫއަސަސީގެ 87 ވަނަ މާއްދާގަ ބުނާ ގޮތުގެ މަތިން ނެގޭ ވޯޓަކުން ފާސްވެގެން މެނުވީ ނުކުރެވޭނެ.

  3. ނޯތުކޮރެއާ

    މިއީ ކޮންކަހަލަ ސަރުކާރެއްތަ އަޅެ. ބަލަ ކަލޯމެން ނަކަށް ގާނޫނެއް ގަވާއިދެއް މުހިއމެއް ނުވާނެކަން ތި އިގެނީ.މިއީ ނޯތު ކޮރެއާތަ؟

  4. ސލ

    ރައްޔިތުންގެ ސިއްރުތަކ ކާއި ޒާތީ މުއާމަލާތްތައް ބެލޭގޮތަށް
    ގާނޫން ހަދައިގެން ބޭނޫން ކުރުމާ ދެ ކޮޅު ހަދަމެވެ.