އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 4.9 މިލިއަން ރުފިޔާ ނެގި ނަމަވެސް، އަނބުރާ ހޯދިފައި ވަނީ ދެ ލައްކަ ރުފިޔާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސަށް ޝަރުތު ހަމަނުވާ 217 ފަރާތަކަށް އެލަވަންސް ދެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވިފައި ވަނީ އެލަވަންސަށް އެދޭ ފަރާތްތަކުން އިތުރު އާމްދަނީއެއް ލިބޭކަން ކަށަވަރު ކުރެވިފައި ނުވާތީ ކަމަށްވެއެވެ. އަދި އޭރު އެކަން ކަށަވަރު ނުވީ، 2020 ޑިސެމްބަރުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއާ ޕެންޝަން އޮފީހުގެ ސިސްޓަމްތަކާ ގުޅާލާފައި ނުވާތީ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ އެހެން އިދާރާތަކުގެ ސިސްޓަމްތަކާއި ގުޅާލައިގެން އިންކަމް ސަޕޯޓް ދިންގޮތުގެ ރިވިއުއެއް ހަދައިފައެވެ.

އެ ރިވިއުއިން ހާމަވި ގޮތުގައި ޝަރުތު ހަމަނުވާ 217 ފަރާތަކަށް އިންކަމް ސަޕޯޓްގެ ގޮތުގައި ދިން 409،969 ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހެއެވެ.

އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އިންކަމް ސަޕޯޓަށް އެދުނު ފަރާތްތަކުގެ ތެރެއިން އޮޅުވާލައިގެން އެކިއެކި ފަރާތްތަކަށް 4.97 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. މީގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 213,884 ރުފިޔާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

އެހެންކަމުން 4.76 މިލިއަން ރުފިޔާ ހޯދުމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެެއެވެ.

އިންކަމް ސަޕޯޓު ދިނުމުގެ މަގްސަދަކީ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން އޭގެ ތެރެއިން މީހުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ ވަޒީފާގެ ބާޒާރަށް ނެރެ، އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމެވެ.

މި ފަރާތްތަކަކީ ސަރުކާރުން ހިންގާ ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއްގައި ބައިވެރިވެ އެ ތަމްރީނު ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއްކަމުގައި ވާން ޖެހެއެވެ. އަދި މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރުމުގެ އިތުރުން، ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ހޯދައިދީފި ނަމަ އެ ވަޒީފާ އަދާކުރުމަށް އެއްބަސްވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކޮށްފައި ވަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000ރ. އެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށްވެސް 5000ރ. ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަބްދޫ

  އިންކަމް ސަޕޯޓް އެލަވަންސް ދެވޭނި އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އޮތް ގާނޫނެއް އޮތްނަމަ. އެކަންއެގެނީ ގާނޫނުއަސަސީ ގެ 97 ވަނަ މާއްދާއިން . އެމައްދާގަ ބުނޭ ރައްޔިތުންގެ މަޖިލީހުންފާސްކޮށްފައިވާ ގާނޫނެއްގަ ބަޔާންވެގެންވަގޮތުގެ މަތިންމެނުވީ އެއްވެސް ކަމަކަށް ހަރަދު ކޮށްގެން ނުވާނެ ކަމަށް ވެރިކަން ކުރާފަރާތަށް އަންގަކަމަށް. ވެރިކަން ކުރާ ފަރާތަކީ ރައިސުލްޖުމަހުރިއްޔަ އާއި ވަޒިރުން . އެކަން އެގެނި ވަޒީރުންގެ މަޖިލީހުން.

 2. ދަރަނި ދަންތުރަ

  ވަށްކަމެއްނުކުރާނަން ، ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނަން ، ރީނދޫ ޕާޓީ ކުދިންނަން ، މއ . ބޯގަންވިލާ ބޭފުޅުންނަން ، ނޫމަނޑިޔަށް މިފަދަ ގާތް ބޭފުޅުންނަން އެކިނަންނަމުގައި ދިވެހިންގެ ހަޒާނާ ބަހާ ހުސްކޮށްލާނީ އެނުވާނެތާ ވަށްކަމަކަށް ސާބަސް ސޯލިބޭ ...

 3. ރަޝީދު

  ކޮބާ ތިޔަ މިނިސްޓަރުންނާއި މަޖްލިސް މެމްބަރުން އަދި މިނޫންވެރިން ވަގަށް ނަގަމުންދާ ފައިސާ އެ ފައިސާ ފުރތަމަ އެ މީހުންގެ ފަހަތުން ދުވެބަލަ
  ބުރުމާ ގާސިމް ވަޒީފާ އަށް ހާޒިރު ނުވެ 1 އަހަރު ގޭގަ ހުރި އެކަމަކު ބަރާބަރަށް މުސާރަ ނަގަމުން ދިޔައީ

 4. ނާނަ

  ހުރިހާކަމެއް ސަރުކާރުންއޮޅުވާލާފަ ރަށްޔަތުންގެ ފައިން ހަންދަމަން ނޫޅުމަށް ގޮވާލަން .

 5. ރަން ރީނދޫ

  ތި ވާނީ ކުރީ ސަރުކާރުގެ ކަމަކަށް.

  4
  1