ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތީގައި ތިބޭ ކުދިންނަށް އެއިމާރާތުގެ ފުރާޅަށް ނޭރޭގޮތަށް އިމާރާތަަށް ބަދަލު ގެނެސްފި އެވެ.

ކުދިންނަށް އިމާރާތުގެ ފުރާޅަށް ނޭރޭ ގޮތް ހެދީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ފިޔަވަތީގައި ތިބި ކުދިންތަކެއް ފުރާޅަށް އަރައި އަދި އިތުރު ހަމަނުޖެހުންތަކެއް ހިންގުމުން ޖެންޑާ މިނިސްޓްރީއަށް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ހަމަނުޖެހުންތައް ހިނގަން ފެށުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކުދިން ފުރާޅަށް އެރުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

ފިޔަވަތީގައި ހިނގި ހާދިސާއަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއޮ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ރިޕޯޓްތަކެއް ތައްޔާރުކޮށްފައެވެ.

އެ ރިޕޯޓުތަކުން ފިޔަވަތީގައި ނިޒާމީ ބޮޑެތި މައްސަލަތައް ހުރިކަން ވަނީ ހާމަވެފައެވެ. ކުދިންގެ ރައްކާތެރިކަމަށް ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ޖެންޑާ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

ރިޕޯޓްގައި ވަގުތުން ހައްލު ކުރަން އަންގާފައިވާ ކަންކަމުގެ ތެރޭގައި ބަލަހައްޓަން ތިބި މީހުންނަށް ވުރެ ކުދިން ގިނަވުމާއި ރީއިންޓިގްރޭޝަން މަރުހަލާ (އާއިލާތަކާ ހަވާލުކުރުން) އަވަސް ކުރުމަށާއި ސައިކޮލަޖިކަލް ސަޕޯޓު ކުދިންނަށް ދިނުމަށާއި ކުދިންނަށް ފުރާޅަށް ނޭރޭގޮތް ހެދުމުގެ އިތުރުން އެ ތަނުގައި ހުރި އަލިފާން ނިއްވާ ފުޅި މުއްދަތު ހަމަވެފައި ހުރުމުން ބަދަލު ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

އޭގެތެރެއިން ގިނަ ކަންކަން މިހާރު ވަނީ ރަނގަޅު ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ފިޔަވައްޗަކީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކޮށްފައިވާ ތަނެއް ނަމަވެސް އެއަށްވުރެ ދޮށީ ކުދިން އެތަނުގައި ތިބޭ މައްސަލަ ވެސް އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. ޖެންޑާ މިނިސްޓްރީން މިހާރު ވަނީ ދޮށީ އުމުރުގެ ކުދިން އަތޮޅުތެރޭގެ އަމާން ވެށިތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.