މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބޮލީވުޑްގެ ރަސްގެފާން ޝާހް ރުކް ހާންގެ ދަރިފުޅާ ސުވާލުކޮށްފިއެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ޝާހް ގެ ދަރިފުޅު އަރްޔަން ހާން އާ ސުވާލުކޮށްފައި ވަނީ ކްރޫޒް ބޯޓެއްގައި ހިނގި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ.

އިންޑިއާގެ މުމްބައީގައި އޮތް ކޯޑޭލިޔާ ކްރޫޒެސް އެމްޕްރެސް ބޯޓުގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނާއި ގުޅިގެން އަރްޔާން އާއި ސުވާލުކުރީ އެ ބޯޓުގައި ބޭއްވި ޕާޓީ އާ ދިމާކޮށެވެ. އަރްޔާންގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާއިރު އޭނާ ހައްޔަރުނުކުރާ ކަމަށް އެންސީބީގެ ޒޯނަލް ޑިރެކްޓަރު ސަމީރް ވަންކެޑޭ ވަނީ ބުނެފައެވެ.

ކްރޫޒްގައި ބޭއްވި ޕާޓީގެ މައްސަލާގައި އެންސީބީން ވަނީ މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައެވެ.

އެންސީބީން ވަނީ ތަހުގީގަށް އަރްޔާން ހާންގެ ފޯނު ނަގައި ފޯނުގައިވާ މައުލޫމާތުތައް ބަލައިފައެވެ. އަދި މަސްތުވާތަކެތީގެ މި މައްސަލާގައި އަރްޔާން ހާންގެ އެއްވެސް އަތެއް އޮތްތޯ އެފަރާތްތަކުން ދަނީ ބަލަމުންނެވެ.

ކްރޫޒް ބޯޓުގައި ތިބި ގިނަބައެއްގެ ފޯނުތައް އެންސީބީ އިން ބަލަމުންދާއިރު މި ހާދިސާއާއި އެއްވެސް ވަރަކަށް ގުޅޭތޯ ބަލަމުންދާކަމަށް އެ ބިއުރޯ އިން ބުނެއެވެ.

އަރްޔާން ހާން އަކީ ޝާހް ރުކް ހާން އާއި ގައުރީ ހާންގެ އެންމެ ދޮށީ ދަރިފުޅެވެ. ޝާހް އާއި ގައުރީގެ ދެން ހުންނަނީ އަންހެން ދަރިއަކާއި އިތުރު ފިރިހެން ދަރިއެކެވެ.

ކްރޫޒް ބޯޓުގައި ހިނގި މަސްތުވާތަކެތީގެ އޮޕަރޭޝަން އާ ގުޅިގެން ސުވާލު ކުރެވުނު އިތުރު ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ ބޮޑެތި ވިޔަފާރަވެރިންގެ ދަރިންވެސް ހިމެނެއެވެ. މި ކްރޫޒް ބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ކޮކެއިން، އެމްޑީއެމްއޭ/އެކްޓެސީ، އެމްޑީ(މެފެޑްރޯން) އަދި ޗަރަސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު