މާޝަލް އާޓްސްގެ ކުޅިވަރު ތެރޭގައި ހިމެނޭ "ޓައިކްވޮންޑޯ" ގެ ލީގެއް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިފިއެވެ.

ހުޅުމާލޭގައި ހުންނަ މާޝަލް އާޓްސް ދަސްކޮށްދޭ ޝާކްސް މާޝަލް އާޓްސް އެކެޑަމީން ކުރިއަށް ގެންދާ އެ ލީގު ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

ލީގު ބަހާލެވިފައި ވަނީ ހަތަރު އުމުރުފުރާ އަކަށެވެ. އެއީ އުމުރުން 7-4 އަހަރުގެ އުމުރުފުރާ، 10-8 އަހަރުގެ އުމުރުފުރާ އަދި 12-10 އުމުރުފުރާގެ އިތުރުން 13 އަހަރުން މަތީގެ އުމުރުފުރާއަށެވެ. ލީގުގައި ބައިވެރިވާން 112 އެތުލީޓުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ޓައިކްވޮންޑޯ ލީގުގެ މެޗުތައް ކުރިއަށްދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޝާކްސް އެކަޑަމީގެ ހެޑް ކޯޗް އައްޔޫބް ޔާސިން "ވަގުތު"އަށް ބުނީ، އެ ގްރޫޕްތައް ބަހާލާފައިވަނީ އެތުލީޓުންގެ އުމުރުފުރާ އަށާއި އެމީހުންގެ ބަރުދަނަށް ބެލުމަށް ފަހު ކަމަށެވެ. ކޮންމެ ޓީމެއްގައި ފަސް އެތުލީޓުން ހިމެނޭއިރު ލީގުގައި 25 ޓީމެއް ވާދަކުރާނެއެވެ.

"ކޮންމެ ޓީމެއްވެސް އެ އުމުރުފުރައިގެ އެހެން ޓީމުތަކާ ވާދަކުރަން ޖެހޭނެ" ފަލަސްތީނަށް ނިސްބަތްވާ ޔާސީން ބުންޏެވެ.

ހުކުރު ދުވަހު މެޗްތައް އޮންނައިރު، ކޮންމެ ދުވަހަކު ކުރިއަށްދާނީ ހަތަރު މެޗެވެ.

ޝާކްސް އެކަޑަމީގެ ހެޑް ކޯޗް އައްޔޫބް ޔާސިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
"ކޮންމެ ހަފްތާއެއްގައިވެސް ތިން ގަޑިއިރަށް ތަމްރީނުތައް ކުރިއަށް ދަނީ" އޭނާ ބުންޏެވެ.
ލީގްގައި ބައިވެރިވާ ހުރިހާ އެތްލީޓުން ވެސް ވަނީ ދެމަސް ދުވަހުގެ ތަމްރީނު ފުރިހަމަކޮށްފައެވެ.

އައްޔޫބް ބުނީ މީގެ ތިން އަހަރު ކުރިން، މާޝަލް އާޓްސް ރާއްޖޭގައި ފެށިއިރު އޮތީ ވަރަށް ފިނި ތަރުހީބެއް ކަމަށެވެ. ނަމަވެސް މިހާރު މާޝަލް އާޓްސްއަށް އޮތް ތަރުހީބު ބޮޑުވެ މާލޭ އަދި ހުޅުމާލޭގައި ހުންނަ އެކެޑެމީ ތަކުގައި މިހާރު 200 އެއްހާ މެންބަރުން ރަޖިސްޓްރީވެފައިވާ އައްޔޫބް ބުންޏެވެ.

ޓައިކްވޮންޑޯ ލީގުގެ މެޗުތައް ބަލަން ބެލެނިވެރިންތަކެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ފެށިއިރު ތިބީ 20 މެންބަރުން. އޭރު ގިނަ މީހުންނަކަށް ނޭގެ ޓައިކްވޮންޑޯ ކޮބައިކަން. ތިން އަހަރުވީއިރު 200 އެއްހާ މެންބަރުން އެބަތިބި" ސްކޫލު އަދި ކޮލެޖްތަކުގައި މާޝަލް އާޓްސްގެ ޑީމަންޑު ބޮޑުވަމުން އަންނާތީވެ އެކަމާއި އުފާކުރަމުން އައްޔޫބް ބުންޏެވެ.

މާޝަލް އާޓްސް ކުރިއަރުވަން ގެންދިޔުމަށް ޔޫތް މިނިސްޓްރީއާ ހުޅުމާލެ މާޝަލް އާޓްސްއިން ލިބެމުންދާ އެހީތެރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އުއްމީދަކީ ރާއްޖޭގެ ގައުމީ ކުޅިވަރުގެ ތެރޭގައި މާޝަލް އާޓްސް ހިމެނުން" އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެމުންދާ އައްޔޫބް ބުންޏެވެ.

ލީގު ކުރިއަށްދާނީ ޑިސެމްބަރާ ހަމަޔަށް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ބުނީ ގިނައިން ޓައިކްވޮންޑޯގައި ކުޑަކުދިން ބައިވެރިވިޔަސް ބޮޑެތި މީހުންނަށްވެސް ފުރުސަތު އެބައޮތް ކަމަށެވެ.

"ލީގުގައި 18 ސީނިއާ އެތްލީޓުން ބައިވެރިވޭ. އެންމެވެސް 18 އަހަރުން މަތި" އެކަޑަމީގައި މިހާރު ހުރި އެންމެ ދޮށީ އުުމުރުގެ އެތްލީޓަކީ 45 އަހަރުގެ މީހެކެވެ. މިހާރު ތިބި އެތްލީޓުންނަށް ބައިނަލްއަގްވާމީ މުބާރާތުގައި ބައިވެރިވެވޭނެވަރުގެ ގާބިލްކަން ހުރިތޯ ސުވާލުކުރުމުން އައްޔޫބް ބުނީ އަދި މާ އަވަސް ކަމަށެވެ.

"މަސައްކަތް ކޮށްފިނަމަވާނެ. އަދި އެކަމަކު އިތުރު ތަމްރީނު ބޭނުންވޭ"