ދިވެހިރާއްޖެ އަށް އިންޑިއާ އިން "ހަދިޔާ ކުރި" ދެހެލިކޮޕްޓަރު ދުއްވަން ދިވެހި ސިފައިން ބައިވެރި ނުކުރާތީ އުފެދުނު ނުތަނަވަސްކަން ބޮޑުވެ އެންމެ ފަހުން ދެހެލިކޮޕްޓަރާއި، ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން ރާއްޖެ އިން ވަނީ އިންޑިއާ އަށް އަންގާފައެވެ.

އިންޑިއާގެ ދެހެލިކޮޕްޓަރާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެވޭނެ އެންމެ ފަހު ތާރީޚަކީ ޖޫން 30 ވަނަ ދުވަސް ކަމަށް ވީނަމަވެސް އަދިވެސް ދެހެލިކޮޕްޓަރާއި އިންޑިއާ ސިފައިން ވެސް ތިބީ ރާއްޖޭގައެވެ.

އިންޑިއާގެ މީޑިއާ އިން އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ރާއްޖެ އިން އެންގުމުން އިންޑިއާ ސަރުކާރުން ދަނީ ރާއްޖެ އާއި މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އަދިވެސް މަޝްވަރާތަކުން ހައްލެއް ނުފެންނަ ކަމަށް އިންޑިއާގެ "ދަ ހިންދޫ" ނޫން ބުނެއެވެ.

އެނޫހުގައި ބުނެފައި ވަނީ އިންޑިއާ އަސްކަރިއްޔާގެ 26 އަށް ވުރެ ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އިންޑިއާ އަސްކަރިއްޔާގެ އޮފިޝަލަކު މީޑިއާ މައުލޫމާތު ދެމުން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު މަޑުކޮށްގެން ތިބީ އިތުރު އަމުރެއް އެމީހުންނަށް އަންނަން ދެނެވެ.

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ވަނީ މިމައްސަލައިގައި ރާއްޖެ އާއި އިންޑިއާގެ މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދަނީ އެމްބަސީގެ ބައިވެރިވުމެއް ނެތި މާލޭގެ މައި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދުއެވެ. އެހެންކަމުން އޭނާ އަށް އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ސަފީރު "ދަ ހިންދޫ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައި ވަނިކޮށް މައްސަލަތައް ފިނިކުރަން އިންޑިއާ އިން މަސައްކަތް ފެށީ އިންޑިއާގެ 2000 އަށް ވުރެ ގިނަ މީހުންގެ ވޯކްޕާމިޓް ރާއްޖެ އިން ހިފަހައްޓާ އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ އިތުރު 30000 މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކުރުމުންނެވެ.

އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި އިންޑިއާ ރައްޔިތުންނަށް ރާއްޖެ އިން ވޯކްޕާމިޓް ހޯދުމުގައި ދިމާވެފައިވާ ދަތިތައް ވެސް އަދިވެސް ހައްލެއް ނުވެއެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކުރިއަށްދާ މަޝްވަރާތަކާއި ގުޅިގެން އެއްވެސް ސަރުކާރަކުން ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތާރީޚު ދިވެހި ރާއްޖެ

    ދެ ހެލްކޮޕްޓަރ އާއި ސިފައިން ޖެހޭނީ އަނބުރާ ގެނދަން!!!
    އެކަން އެވަނީ އެއްބަސްވުމުގައި ވާ ގޮތަށް މުއްދަތު ހަމަވެފައި. ހަން ފަތުރަން އިތުރު މުއްދަތަށް ހެލްކޮޕްޓަރ ބާއްވައިގެން އިންޑިޔާ ސިފައިން މި ޤައުމުގައި ތިބުމުގެ ބޭނުމެއް ނެތް.1111

  2. އަހަންމާބެ

    ދިވެހިންނަށް ކުރަމުންދާ ދުއްތުރާތައް ހުއްޓާނުލަނީސް ލުޔެއް ދޭނެކަމެއްނެތް!

  3. ފޮނުވާލާ

    މިބުނީ ފޮނުވާލާށޭ.. ގަބޫލެ ނުކުރެވޭނެ ޢއިންޑިޔާ ސިފައިން މިތާ ތިބޭކަށް.. ހެލިކޮޕްޓަރު އަދި ސިފައިން ފޮނުވާލާ..

  4. ވަކަރުގޭސޮރު

    އެހެނވީމާ މިހާރު އިންޑިޔާ ސިފައިން އެތިބީ ދިވެހިރާއްޖެ ހިފާގެން. ނޭގޭތަ؟

  5. ހިންދީ

    ފޮނުވާލާ އެންމެން

  6. އަބްދުއްލާ

    ހެލިކޮޕްޓަރުތައް ޖެހޭނީ ފޮނުވާލަން .މިތާގަ ތިބި އިންޑިޔާ ސިފައިންވެސް ޖެހޭނީ ފޮނުވާލަން .މިހާރުވެސް ފެންނަނީ އިންޑިޔާގެ އަޅުވެތިކަމެއްގާ ދިވެހި ގައުމު އޮތް ކަމަށް. ނުރަސްމީ މިލިޓްރީ ބޭހެއް އިންޑިޔާއިން ހަދައިގެން ރާއްޖޭގަ ތިބުމުގެ ފުރުސަތު އޮވެގެންނުވާނެ.

  7. Anonymous

    އިންޑިޔާ ސިފައިން ބައިތިއްބައިގެން އެއުޅެނީ ޖާސޫސް ކުރުމައްޓަކައި. އެނޫން ކަމެއްގައެއްނޫން

  8. ސާދު

    ހެލިކޮޕްޓަރ ދުއްވުމުގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލަން ނިއްމި ނިއްމުމަށް މަރުހަބާ ދަންނަވަން، އަދި މިކަން ބަދަލު ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަން، ރާއްޖެއަކީ މުސްތަޤިއްލު ޤާއުމެއް އެހެންކަމުން ރާއްޖޭގެ އަމްނާ ސަލާމަތަށް ނުުރައްކާވެދާނެ ހުރިހާ ކަމަކުން ރާއްޖެ ސަލާމަތް ކުރުމަކީ ވެރިޔަކަށް ހުންނެވި ބޭފުޅެއްގެ ޒިންމާއެއް، އެހެންކަމުން ހެލިކޮޕްޓަރާއި ބެހޭ ގޮތުން ނިއްމާފައި އޮތް ނިންމުން ބަދަލު ނުކުރުމަށް ވަރަށް އަދަބު ވެރިކަމާއިއެކު ދަންނަވަން، ޤައުމު ކުޑިވިޔަސް އެޅިހާބަތަކަށް ރިހަ ކިޔާ އުޞޫލުން ޤައުމު ތަކުގެ ދަަށު ވުމަކީ މިޖީލުގެ އުޞޫލެއްނޫން.